ފެނުގެ ޓެކްނޮލޮޖީގައި އެންމެ މަޝްހޫރު ޔޫރަޕުގެ އެއް ގައުމު ކަމަށްވާ ހަންގޭރީގެ އެންމެ ބޮޑު 10 ކުންފުނިން ރާއްޖޭގައި މައުލޫމާތު ދީފި އެވެ.
ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ވެބިނާގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގަތީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހު އާއި ހަންގޭރީން ރާއްޖެ އަށް ކަނޑައަލުއްވާފައިވާ ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީ އެވެ.
މި ވެބިނާގައި ރާއްޖޭގެ ބައެއް ކުންފުނިތަކާއި އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. މި ވެބިނާގައި ރާއްޖޭން ބައިވެރި ފަރާތްތަކުން ވަނީ ހަންގޭރީގެ ކުންފުނިތަކުގައި ހުރި ފެނުގެ ޓެކްނޮލޮޖީގެ މައުލޫމާތު ހޯދާފަ އެވެ.
ފެނުގެ ޓެކްނޮލޮޖީގައި އެންމެ މަޝްހޫރު އެއް ގައުމު ކަމަށްވާ ހަންގޭރީގެ ފަރާތުން މި ވެބިނާގައި އެ ގައުމުގެ 10 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. އެ ކުންފުނިތަކަކީ މި ޓެކްނޮލޮޖީގައި ހަންގޭރީގައި އެންމެ ވަރުގަދަ ކުންފުނިތަކެވެ.
މި ވެބިނާގައި އެ ކުންފުނިތަކުން ވަނީ ކާރިސާގެ ހާލަތްތަކާއި އާއްމު ދިރިއުޅުމުގައި ވެސް ބޭނުން ކުރެވޭނެ ފެނުގެ ޓެކްނޮލޮޖީގެ މައުލޫމާތު ދީފަ އެވެ. އަދި މި ޓެކްނޮލޮޖީއަކީ ރާއްޖެ ފަދަ ގައުމުތަކުގައި ބޭނުން ކުރެވިދާނެ އުފެއްދުންތައް ކަމަށް އެ ކުންފުނިތަކުން ދިން ޕްރެޒެންޓޭޝަންގައި ބުނެފައިވެ އެވެ.