ޔުކްރެއިން

ކުދިން ސަލާމަތް ކުރަން ވެދިން އެހީއަށް ޖަނާހުއަށް ޝުކުރު އަދާކޮށްފި

Feb 27, 2022

ޔޫކްރޭންގައި ތާށިވެފައި ތިބި 15 ދަރިވަރުން ސަލާމަތް ކުރަން ކޮށްދެއްވި މަސައްކަތްތަކަށް ހަންގޭރީގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހު އަށް، ޖަރުމަނުގެ ސަފީރު އަހްމަދު ލަތީފު ޝުކުރު އަދާކުރައްވައިފި އެވެ.

ރާއްޖޭން ޖަރުމަނު ސަރުކާރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި 15 ދަރިވަރުން ސަލާމަތުން ހަންގޭރީގެ ބޯޑަރު ހުރަސްކޮށް ގެންގޮސް ދިނުމުގައި ޖަނާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އޮނަރަރީ ކޮންސުލް އިން އެވަރުގެ އެހީތެރިކަމެއް ނުދިންނަމަ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އެހާ އޮމާންކޮށް ނުދާނެ ކަމަށެވެ.

ޔޫކްރޭންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި ދަރިވަރުން ވަނީ ޔޫކްރޭން ތެރެއިން ބަހުގައި ހަންގޭރީ ބޯޑަރަށް ގެންގޮސް އެގައުމަށް އެތެރެކޮށްދީފަ އެވެ. އަދި ދަރިވަރުންގެ ވިސާގެ ކަންކަން ވެސް ފުރިހަމަކޮށް ދީފައިވަނީ ފޮރިން މިނިސްޓްރީ އާއި ހަންގޭރީ ސަރުކާރުންނެވެ.

ދަރިވަރުން ސަލާމަތް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް އެ ކުދިން ވެސް ވަނީ ޝުކުރުގެ މެސެޖެއް އާންމުކޮށްފަ އެވެ.

ޔޫކްރޭންގައި ތިބި ކިޔަވާ ކުދިން ރައްކާތެރި ސަރަހައްދުތަކަށް ގެންދަން ސަރުކާރުން މަސައްކަތް ކުރާއިރު މިހާރުވެސް 12 ދިވެހިން ޔޫކްރޭންގައި ތާށިވެފައި އެބަތިއްބެވެ.

އަވަސްއާ މިއަދު ވާހަކަ ދައްވަމުން ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލަތީފު ވިދާޅުވީ 12 ދިވެހިން ސަލާމަތް ކުރަންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.