ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އާމްދަނީ ލިބޭ ދާއިރާތަކުން މީހުން ތަމްރީނުކުރުން މުހިންމު"

ރާއްޖޭގެ ތަރައްގީގެ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށާއި ގައުމީ އާމްދަނީއާ ގުޅިފައިވާ ސިނާއަތްތައް ކުރިއަރުވަން ދިވެހިން ތަމްރީނު ކުރުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާހު ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެކައުންޓެންޓުންނާއި އޮޑިޓަރުންނަކީ ގައުމީ އާމްދަނީއާ ވަރަށް ބޮޑަށް ގުޅިފައިވާ ބައެއްކަމުން މި ދާއިރާތަކުން ދިވެހިން އުފައްދައި ތަމްރީނުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށެވެ.

ދައުލަތާއި ޕްރައިވެޓް ސެކްޓާގެ މާލީ ކަންކަމާއި ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެކައުންޓިން ޕްރޮފެޝަން ތަރައްގީ ކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ހާއްސަ ގޮތެއްގައި އެކައުންޓަންޓުން ތަމްރީނުކޮށް ފަންނީ ގާބިލުކަން އިތުރު ކުރުމަށް ފުރުސަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުން އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ނަމުގައި، މިދިޔަ އަހަރު ގާނޫނެއް ހަދައި އަމަލުކުރަން ފަށައިފައިވާ ކަމަށެވެ. އެއީ އެކައުންޓެންސީ ދާއިރާއަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ވަސީލަތްތައް، އަދި މި ދާއިރާއަށް މީހުންނަށް ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގައިކަމުގައި ހަދައިފައިވާ ގާނޫނެއް ކަމަށެވެ.

އެކައުންޓިން ދާއިރާއަކީ ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށާއި މި ދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެން ދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.