ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރްޕީ) ކަނޑައެޅުމުން އެ އަގަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާ ފަރާތްތައް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދެއް އެކުލަވާލައި ގެޒެޓްކޮށްފި އެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ހެލްތު މިނިސްޓްރީން އެކުލަވާލި ގަވައިދު މިއަދު ވަނީ ގެޒެޓް ކޮށްފަ އެވެ. އެކަމަށް މި ގަވައިދަށް އަމަލު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެނެވެ.
ހެލްތު މިނިސްޓްރީން މި ގަވައިދު އެކުލަވާލާފައި މިވަނީ ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން އަސާސީ ބޭހަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް ފައިދާ ކަމަށް އަންގާ އާންމު އިއުލާނު ކުރުމަށް ފަހު އެވެ.
ގަވައިދުގެ ހަވަނަ މާއްދާގައިވާ ގޮތުން އެމްއާރްޕީއާ ހިލާފަށް ބޭސް ވިއްކައިިފިނަމަ އަދި ބޭސް ވިއްކާ އަގުތައް ފާމަސީތަކުގައި އާންމުކޮށް ފެންނަން ނުހުންނަނަމަ އެފަދަ ތަންތަން ފުރަތަމަ ފަހަރު 10،000 ރުފިޔާ އިން އަދި ދެވަނަ ފަހަރު 10،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ އެވެ. އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000 ރުފިޔާ އިން ފެށިގެން އެއްލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދަކު ޖޫރިމަނާ ކުރުމުގެ ބާރުވެސް ގަވައިދުގައި ދީފައިވެ އެވެ.
ގަވައިދުގައިވާ ގޮތުން އެސެންޝިއަލް މެޑިސީން ނުވަތަ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް ވިއްކަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިއްކަން ވާނީ އެމްއާރްޕީއަށް ވުރެ ބޮޑު ނޫން އަގެއްގަ އެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދޭ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް އަންނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ވިއްކަން ވާނީ އެމްއާރްޕީއަށް ވުރެ ބޮޑު ނޫން އަގެއްގައި ކަމަށްވެސް ގަވައިދުގައިވެ އެވެ.
އެމްއެފްޑީއޭ އިން ހުއްދަ ދޭ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްފަހު ބޭހުގެ އަގުތައް ހިމެނޭ ލިސްޓް އަންނަ އަހަރުގެ ޖޫން 15 ވަނަ ދުވަހުގެ ކުރިން ގެޒެޓް ކުރުމަށްވެސް ލާޒިމްކޮށްފައިވެ އެވެ. އޭގެފަހުން ކޮންމެ މަހަކު އެއް ފަހަރަކު އެ ލިސްޓް އަޕްޑޭޓް ކުރަންޖެހޭއިރު ބޭހުގެ އެމްއާރްޕީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު މުރާޖައާ ކުރަންޖެހެ އެވެ.
ބޭސް ވިއްކޭނެ އެންމެ މަތިީ އަގު ކަނޑައެޅުމާ އެކު އާސަންދަ އިން ބޭހަށް ކުރާ ހަރަދުން 205 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އަދި ބޭހުގެ އަގަށް 200 އާއި 400 ޕަސެންޓުގެ ފައިދާއެއް ލައިގެން ވިއްކަމުން ދިއުން ހުއްޓުވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން އާސަންދައަށް ކުރާ ހަރަދުގެ 50 ޕަސެންޓަކީ ބޭސް ގަތުމަށް ކުރާ ހަރަދެވެ.
އަންނަ އަހަރުން ފެށިގެން ދޫކުރާ ބޭސް ސިޓީ ތަކުގައި ބޭހުގެ ބްރޭންޑް ނަން ލިޔުމުގެ ބަދަލުގައި ބޭހުގެ އަސްލު ނަން ލިޔުމަށްވެސް ޑޮކްޓަރުންނަށް މިހާރު ވަނީ އަންގާފަ އެވެ. އެ ބަދަލާ އެކު ވެސް ވަކި ބްރޭންޑެއްގެ ބޭސްތަކެއް ބޮޑު އަގުގައި ވިއްކުން ނިމުމަކަށް އަންނާނެ ސަރުކާރުން ބުނެ އެވެ.