ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ (އޯޑީ) ފެސިލިޓީގެ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަަލައިގެ ބަހުސްގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ވާހަކަފުޅު ދައްކަން ފުރުސަތު ނުދީ އެ ބަހުސް ނިންމާލައިފި އެވެ.
އޯޑީގެ ބަހުސްއަށް ވާހަކަ ދައްކަން ނަންނޯޓު ކުރުމުގެ ފުރުސަތު މަޖިލީހުގެ ރިޔާސަތުން ދިނީ އެންމެ ފަސް މިނެޓަށެވެ. އެ ވަގުތު މަޖިލީހުގައި ސައީދު ވަޑައިގެން ނެތެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އިކޮނޮމިކް މިިނިސްޓަރުކަން ކުރެއްވި ސައީދަށް ނަން ނޯޓު ނުކުރެވުމުން އޭނާ ވަނީ ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދެއްކުމުގެ ފުުރުސަތަކަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ގައުމީ އަދި މާލީ ބޮޑު މައްސަލައެއްގައި ހުރިހާ މެމްބަރުންނަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ނުދެއްވި އެވެ.
"އިއްޒަތްތެރި މެންބަރު [ަސައީދު] ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ ފަރާތުން ވެސް އެތައް އިއްޒަތްތެރި މެންބަރުންނެއް ފުރުސަތަށް އެދިވަޑައިގެންފައި ތިއްބެވި، އިއްޒަތްތެރި މެންބަރު ގަޑިއަށް ވަޑައިގެން މަސައްކަތް ހިނގާ ތަރުތީބަށް ބައްލަވައިގެން ފުރުސަތަށް އެދިވަޑައިގެންނެވި ނަމަ އިއްޒަތްތެރި މެންބަރަށް ވެސް ފުރުސަތު ލިބިވަޑައިގަންނަވާނެ،" އީވާ ވިދާޅުވި އެވެ.
ނަމަވެސް ސައީދު ދޫނުކުރައްވައި އަޑު ގަދަކުރައްވައި ވިދާޅުވީ އޭނާއަށް ފުރުސަތު ދޭން ޖެހޭނެ ކަމަށާއި މަޖިލިސް ހިނގަމުން ދަނީ އުތުރު ކޮރެއާގެ ހުދުމުހުތާރު އުސޫލަށް ކަަމަށެވެ.
"މިއީ މަޖިލީހުން މީގެ ކުރިން އަމަލު ކުރާ ގޮތެއް ނޫން. މީގެ ކުރިން ފުރުސަތު ދޭ ވާހަކަ ދައްކަން. މަޖިލީހުގެ ގަވައިދާ ހިލާފަށް މިއަދު އެކަން ކުރީ،" ސައީދު ވިދާޅުވި އެވެ.
ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން ވޯޓަށް އަހައިގެން ވެސް ބަހުސް ކުރުމުގެ ވަގުތު އިތުރު ކޮށްދީފައި ވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު ދެން އިތުރުކުރަން ހުށަހަޅާފައި ވަނީ 2023 ގެ އޭޕްރީލުގެ ނިޔަލަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އާމްދަނީއަށް އަސަރު ކުރުމާއެކު ދައުލަތް ހިންގަން ފައިސާ ބޭނުންވާތީ އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ އޯޑީ ފެސިލިޓީއެއް ނަގާފައިވީނަމަވެސް މިހާތަނަށް މި ފެސިލިޓީ އިން ނަގާފައިވަނީ 3.5 ބިލިއަން ރުފިޔާ އެވެ.