ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: ޝަރީއަތް ނިމެންދެން ސާލިމް ބަންދުކޮށްފި

ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތަށް އެ ރަށުން ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޝަރީއަތް ނިމެންދެން ސާލިމް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ އިއްޔެ ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ގެންދިއުމުން ކަމަށެވެ.

ސާލިމް ހައްޔަރުކޮށްގައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ކޯޓުން ދީފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިތުރު 15 ދުވަސް ޖެހުމަށްފަހު މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމުގައި ފުލުހުން މިހާރު ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގު ފުރިހަމަކުރުމަށްފަހު އަންނަ ހަފްތާ ތެރޭ ސާލިމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަހްމޫދު މަރާލާފައި އޮއްވާ މިދިޔަ މަހުގެ 13 ވަނަ ދުވަހު ފެނުނީ ދަނގެތީގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. މަހުމޫދަކީ އެރަށުގެ ވިޔަފާރިވެރިޔަކަށްވާއިރު، އޭނާ މަރައިލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.

މަހްމޫދުގެ މަރުގެ ތަހުގީގުގައި ފުލުހުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. ފުލުހުން ބުނާ ގޮތުގައި މަހްމޫދު މަރާލުމުގައި ސާލިމް ފިޔަވާ އިތުރު މީހަކު ބައިވެރިވެފައެއް ނުވެ އެވެ.