މޯލްޑިވްސް ޕޮލިސް ސާވިސް

ދިވެހި ފުލުހުންގެ އަންހެން އޮފިސަރުންނަށް ހާއްސަ ކޮންފަރެންސެއް

Nov 16, 2021

މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ އަންހެން އޮފިސަރުންނަށް ހާއްސަކޮށްގެން "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ކޮންފަރެންސް ބާއްވައިފި އެވެ.

ފުލުހުންގެ އިސްކަންދަރުކޮށީގައި މިއަދު ކުރިއަށް ގެންދިޔަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ވެސް ބައިވެރިވި އެވެ.

މިރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ތެރޭގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ހާއްސަކޮށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ ކަަމަށެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގައި ފުރަތަމަ ފަހަރަށް ޗީފް އިންސްޕެކްޓާ ރޭންކުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް އަންހެން ތިން އޮފިސަރުން ޕްރޮމޯޓްކޮށް، ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަން ފާހަގަކުރެއްވި އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ކޮމިޓީ އިންތިހާބުވެގެން ދާނެ ކަމަށާއި އަންހެނުންނަކީވެސް ފުލުހުންގެ ހިދުމަތުގައި މުހިއްމު ދައުރެއް އަދާކުރެވިދާނެ ބައެއް ކަން އެނގިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރުވެސް ފުލުހުންގެ އެކި ދާއިރާތަކުގައި އަންހެނުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރަން،" ސީޕީ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޮންފަރެންސަކީ އެކި ދާއިރާތަކުން އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. އެގޮތުން ހިންގުމުގެ ދާއިރާގެ ހުނަރުތަކާއި، އެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމާއި، އަމިއްލަ ނަފްސުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން މުސްތަގުބަލަށް ކަންކަން ރާވައި ހިންގުމަށް މަސައްކަތްކުރާނެ ހުނަރުތައް ކިޔައިދީަފއިވެ އެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން އެކި ދާއިރާތަކުން 23 އަންހެން އޮފިސަރުން މި ކޮންފަރެންސްގައި ބައިވެރިވެފައިވެ އެވެ.