އަހުމަދު ހައިލަމް

ކޯޓުގެ ހުރުމަތް ކެނޑުމަކީ ޕީޖީގެ ކަށީގައި ހިފާފައިވާ ކަމެއް: ހައިލަމް

ކޯޓުގެ ހުރުމަތް ކެނޑުމަކީ ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ކަށީގައި ހިފާފައިވާ ކަމެއް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް، ޝަމީމަށް ފާޑުވިދާޅުވެއްޖެ އެވެ.

ހައިލަމް، ޝަމީމަށް ފާޑުވިދާޅުވީ ފަނޑިޔާރެއްގެ ޒާތަށް ނިސްބަތްވާ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓްތަކަކީ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ހައިކޯޓުގެ ހުކުމެއްގައި ބުނެފައިވާތީ އެކަމަށް އިޝާރާތްކޮށްފައެވެ.

ހައިކޯޓްގެ ހުކުމްގައި އެކަން ފާހަގަކޮށްފައިވާކަން ހާމަކޮށް އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންނާއި ކޯޓުތަކަކީ ހުރުމަތެއް ނެތް ތަނަކަށް ހަދައިގެން އުޅޭ ބަޔަކު ޖުޑިޝަރީއާ ހަވާލުވީމަ ކަންކަން ދާނީ މި މަގުން ކަމަށެވެ.

"މިއީ ޕީޖީގެ ކަށީގައި ހިފާފައި ހުންނަ ކަމެއް،" ޝަމީމަށް ފާޑުވިދާޅުވެ ހައިލަމްގެ ޓްވީޓްގައި ވެއެވެ.

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ ހުކުމްގައި، ޕީޖީ ޝަމީމް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފަ އެވެ. އެއީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރު ހަސަން ސައީދަށް ނިސްބަތްވާ ގޮތަށް ޝަމީމް ކުރެއްވި ޓްވީޓްތަކެކެވެ.

ހައިކޯޓުން އިއްޔެ އިއްވި ހުކުމްގައި ވަނީ ޕްރޮސިކިއުޝަންގެ ފަރާތުން އާންމުކޮށް ކޮށްފައިވާ ކޮމެންޓްތަކެއް ކަމަށް ބުނެ ހުށަހެޅި ލިޔުންތަކެއް އެ މައްސަލައިގައި ހިމެނިފައިވާ ކަމަށްވެ. އެފަދަ ކޮމެންޓްތަކަކީ ތަރުހީބު ދެވޭނެ ކަންކަން ނޫން ކަމަށާއި އަދި އެއީ ހުޅުވިގެންވާ ދީމިގްރާތީ މުޖްތަމައަކުން ގަބޫލު ކުރާ އުސޫލަކަށް ވާނެ ކަމަކަށް ވެސް ބަލައި ނުގަނެވޭ ކަމަށެވެ.

ވަކިވަކި ފަނޑިޔާރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ފުރައްސާރައަކަށް ވެދާނެ ގޮތަކަށް ކަންކަން ކުރުމާއި، މައްސަލައިގެ މައުލޫ ކޯޓުގައި ހިނގަހިނގައި އޮތްވައި، އެ މައުލޫގައި ކޯޓުން ބޭރުގައި ވަކިގޮތަކަށް އާންމުކޮށް ވާހަކަ ދެއްކުންފަދަ ކަންކަމަކީ ގާނޫނު ދައްކާފައިވާ މަގެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވި އެވެ.

ޝަމީމް މިމަހުގެ ތިން ވަނަ ދުވަހު ކުރެއްވި ޓްވީޓުގައިވާ ވާހަކަތައް ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވެފައި ވަނީ އެއީ ހުޅުވިގެންވާ ދީމިގްރާތީ މުޖްތަމައުތަކުން ގަބޫލު ކުރާ އުސޫލެއް ކަމަށްވާ ސަބްޖުޑިސީ ރޫލް އާ ކަނޑައެޅިގެން ފުށުއަރާ ގޮތަށް އޮތް ކޮމެންޓެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރަކު އަމިއްލަ މިނިވަންކަމާއެކު ގާނޫނުއަސާސީ އާއި ގާނޫނުގެ އިމުގެ ތެރެއިން ނިންމާ ނިންމުންތަކަކީ، ތައައްސުފީ ނިންމުން ތަކެއް ކަމަށް ދެކޭމީހާ އިސްތިއުނާފް ކުރުމުގެ އުސޫލުގެ ބޭރުން ފަނޑިޔާރުން ފަލީހަތް ކުރުމުގެ ބީދައަކުން ވާހަކަ ދައްކައި އެކަން މުޖުތަމައުން ގަބޫލު ކުރުވުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ފާލެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ" ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވި އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ، ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ހައިކޯޓުގައި އަދި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. މައްސަލައެއް ނިންމުމުގައި ފަނޑިޔާރަކަށް ގޯސް ހެދުން އެކަށީގެންވާ ކަމަށެވެ.

ފަނޑިޔާރަކު އޭނާއަށް ލިބިދީފައިވާ އިހްތިޔާރެއް ބޭނުން ކުރުމަކީ ވަކި ފަރާތަށް ޖެހުން ނުވަތަ އަދުލުވެރިނުވުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ވެސް އެ ކުހުމުގައި ވަނީ ބުނެފަ އެވެ. އަދި ފަނޑިޔާރުގެ ނިންމުމަކާ ގުޅިގެން ވަކި ހަސްމަކު ހިތްހަމަނުޖެހުމަކީ ތަބީއީ ކަމެއް ކަމަށެވެ. ނަމަވެސް އެ ފަނޑިޔާރަކީ ވަކި ކޮޅަކަށް ބުރަވެ މައްސަލަ ނިންމަވާ ފަނޑިޔާރެއްކަން ދޭހަވާ ބީދައިން ވާހަކަދެއްކުމަކީ ފަނޑިޔާރާއި ފަނޑިޔާރުގޭގެ އިތުރުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާއަކުން އެފަދަ ވާހަކަތައް ދެއްކުމަކީ ދައުލަށް އޮންނަ އިތުބާރު ވެސް ގެއްލިދާނެ ކަމެއް ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަންމަޓީ ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

އަންމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލަ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މީހަކު ޖާމިނުކޮށްފައި ފުރަން ހުއްދަދިން މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދަށް ޕީޖީގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެކި ފަހަރު މަތިން ޝަމީމް ވަނީ ހަސަން ސައީދަށް ފާޑުކިޔުއްވައި ޓްވީޓް ކުރައްވައިފަ އެވެ.