އަހުމަދު ހައިލަމް

ހެކި ހުރެ 150 ދައުވާ ނުކޮށް އެެއްބަސްވުން ހެދީ ކީއްވެ؟

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލޭނެ މިންވަރަށް ޕީޖީ އޮފީހުގައި ހެއްކާއި ލިޔެކިޔުން އެބަހުރި ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެން ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސުވާލުތަކެއް އުފައްދަވައިފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވަނީ މިނިވަންވެފަ އެވެ. އޭނާ މިނިވަންވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ.

ކްރިމިނަލް ކޯޓްގެ މި ނިންމުން ހައިކޯޓްގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަކުރުމަށް މިއަދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިހާރުވެސް އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލެން އެބައޮތް ކަމަށެވެ. އަދި އެ ދައުވާތަކަކީ ކުރިން ޕީޖީ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމާ ނުލައިވެސް އުފުލޭނެ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް އުފުލާ އެ ދައުވާތައް ސާބިތުވެއްޖެނަމަ 806 އަހަރުގެ ޖަލު ހުުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަދީބުގެ އިއުތިރާފް އެއްބަސްވުމާ ނުލައިވެސް 150ވުރެ ގިނަ ދައުވާ އުފުލެން އެބަހުރި. އެ ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމް އަންނާނެ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ މި ވާހަކަތަކާ ގުޅިގެން ހައިލަމް ވަނީ އެއްބަސްވުމަކާ ނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވިކަން ސާބިތުކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދައުވާ ހަތް ދައުވާއަށް ބަދަލުކުރީ ކީއްވެތޯވެސް ޝަމީމް ވަނީ ސުވާލު އުފައްދަވާފައެވެ.

އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އަދީބަށް ކޮށްފައިވަނީ ހަތް ދައުވާއެކެވެ. އެ ހަތް ދައުވާ ވެސް މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ ބާތިލް ކުރައްވާފަ އެވެ.

ގާނޫނީ ގިނަ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ކާފީ ހެކި ލިބިފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި އިއުތިރާފު އެއްބަސްވުމެއް ނުހެދޭނެއެވެ. އެގޮތުން ގަސްތު މަރާ، ހައްދު ކަނޑައެޅިފައިވާ މައްސަލަތަކާއި ދައުލަތުގެ ފައިސާއަށް ހިޔާނާތެރިވުންފަދަ މައްސަލަތަކުގައި އިއުތިރާފު އެއްބަސްވުން ހެދުމަކީ ޕީޖީއަށް ލިބިފައިވާ ބާރެއްވެސް ނޫން ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވައެވެ.