ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް އިޖުރާއަތްތަކާއި ހިލާފުކަމަށް ބުނެ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލުމުން ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފި އެވެ.
ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެ މައްސަލަ ފުރަތަމަ ހުށައެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
އެ މައްސަލާގައި ބޭއްވި ޝަރީއަތުގައި އެ ދައުވާތައް ކޯޓުން ބޭރު ކޮށްލާފައިވަނީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ އެވެ. އަދި ހެކި ހޯދުމާއި ތުހުމަތަށް ދައުވާކޮށްފައިވާ މީހުން ހައްޔަރުކުރުމުގައި އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމާއި ގުޅިގެން އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖުތައުގެ ސަލާމަތަށްޓަކައި ބަންދުކުރެވޭ މީހުންގެ މައްސަލަތަކުގައި ދައުވާކުރުމަށް އިޖުރާތު ގާނޫނުގައި ބަޔާންކުރާ 40/55 ދުވަސް ތެރޭގައި ދައުވާ ނުކުރެވުމަކީ އެދައުވާތައް ބާތިލުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ހައިލަމް ވިދާޅުވީ ދައުވާ ކުރުމަށް އޮންނަ މުއްދަތުން ބޮޑެތި ކުށްތައް އިސްތިސްނާ ކުރެވިފައިވާ ކަމަށެވެ.
މުޖުތައުގެ ސަލާމަތަށްޓަކައި ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތަކުގައި ދައުވާކުރުމަށް އިޖުރާތު ގާނޫނުގައި ބަޔާންކުރާ 40/55 ދުވަސް ތެރޭގައި ދައުވާ ނުކުރެވުމަކީ އެދައުވާތައް ބާތިލްވާން ޖެހޭ ސަބަބެއް ނޫން. ދައުވާކުރުމަށް އޮންނަ މުއްދަތުން ބޮޑެތި ކުށްތައް ވަނީ އިސްތިސްނާކުރެވިފައިއަހުމަދު ހައިލަމް | ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ
149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް އިޖުރާއަތްތަކާއި ހިލާފުކަމަށް ބުނެ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ވަނީ ޔަގީންކޮށްދީފައެވެ. އަދި އެކަމުގެ ތަފްސީލް ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެ މައްސަލަ އިތުރަށް ދިރާސާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ މައްސަލާގައި ވެފައިވާ އިހުމާލުތައް ބެލުމަށް މަޖިލީހަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ.
"މި އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުަށްޓަކައި އިއްޔެ ވާނީ މަޖިލީހަށް މައްސަލަ ހުށަހަޅާފައި،" އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ދައުވާތައް ބޭރުކޮށްލުމުގެ އިތުރުން، އެ މައްސަލާގައި ގައްދޫ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަތަރު މީހުންވެސް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ. އެ މައްސަލާގައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.