ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހުން މިދިޔަ މަހު 224 ދައުވާ އުފުލައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ ތެރޭގައި 151 މީހެއްގެ މައްޗަށް 224 ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ހާމަކުރައްވައިފި އެވެ.

ދައުލަތުގެ މިދިޔަ މަހުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވަމުން ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި 151 މީހެއްގެ މައްޗަށް 224 ޖިނާއީ ދައުވާއެއް އެ އޮފީހުން ވަނީ އުފުލައިފަ އެވެ. މައްސަލަތައް ހުށަހަޅާފައި ވަނީ 36 ކޯޓަކަށެވެ.

އެންމެ ގިނަ މައްސަލަ ހުށަހެޅި ހަތަރު ކޯޓު

  • ކްރިމިނަލް ކޯޓު - 97 މައްސަލަ
  • ޑްރަގު ކޯޓު - 47
  • ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު - 16
  • މާފުށި މެޖިސްޓްރޭޓް ކޯޓު - 6

ޖެނުއަރީ މަހު ދައުވާ ކުރި މައްސަލަތަކުގެ ތެރެއިން ދައުވާ ލިބޭ މީހުންގެ އެވްރެޖު އުމުރަކީ 29 އަހަރެވެ. ޖެނުއަރީ މަހު އެންމެ ގިނަ ދައުވާ އުފުލާފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 23 ދައުވާ އުފުލާފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 69 ޕަސެންޓް މައްސަލަ ދައުލަތަށް ކާމިޔާބުކުރެވުނެވެ. އަދި 24 ޕަސެންޓް މައްސަލަ ސާބިތުނުވިއިރު ހަތް ޕަސެންޓް މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި ޖެނުއަރީ މަހުގެ ތެރޭގައި "ސީޒަނަލް" މައްސަލަތަކެއް އުޅެ އެވެ. އެގޮތުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން ވެސް ހިމެނެ އެވެ. ކްރިމިނަލް ކޯޓަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް އެ ތިން ބާވަތުގެ މައްސަލަތަކެވެ.

ޕީޖީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އެކި ކޯޓު ތަކުން 159 މީހަކަށް ދައުވާ ލިބޭ 169 ދައުވާއެއްގެ މައްސަލަ ނިންމި އެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމާފައި ވަނީ ޑްރަގް ކޯޓުންނެވެ. ޑްރަގް ކޯޓަށް މައްސަލަ ހުށަހަޅަނީ ކުށަށް އިއުތިރާފްވާ މީހުން މައްސަލަތަކެވެ. ދެން އެންމެ ގިނަ މައްސަލަ ނިންމީ ކްރިމިނަލް ކޯޓުންނެވެ. އެއީ 71 މައްސަލަ އެވެ.

ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ މަހަކު އެ އޮފީހުން ކުރާ މަސައްކަތްތައް އާންމުކުރައްވާނެ ކަމަށެވެ. އެގޮތަށް މައުލޫމާތު ހާމަކުރުމުން ދައުލަތުގެ އިދާރީ ހިންގުމުގެ ތެރޭގައި ހާމަކަން އިތުރުވެ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރެވިގެން ދާނެ ކަމަށްވެސް ޕީޖީ ގަބޫލުކުރައްވަ އެވެ. މައުލޫމާތު އާންމުކުރުމުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ، މިހިސާބުތަކަކީ، ސިޔާސަތު ހައްދަވާ ބޭފުޅުންނާއި، ކިޔަވާ ކުދިންނާއި ނޫސްވެރިންނަށް ބޭނުންތެރި އެއްޗަކަށްވުމެވެ. އަދި، ޚުދު އަޅުގަނޑުމެން މަސައްކަތްކުރާ ގޮތާއި ފެންވަރު ޢާންމުންގެ ކުރިމަތީގައި ވަޒަންކުރެވި، ފެންވަރު ރަނގަޅު މަސައްކަތެއް ކުރުމަށް ބާރުއެޅޭނެ ކަމަކަށްވުމެވެ." ޝަމީމް ވިދާޅުވި އެވެ.