ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނަށް 100،000 ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލް މުހައްމަދު ނިޝާމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިޝާމް އަވަސް އަށް ވިދާޅުވީ 90 ދުވަސްތެރޭ ނިންމަން އަމާޒު ހިފި ޕެޓިޝަނަށް ތަރުހީބު ބޮޑުވެ އަަތޮޅުތަަކަށް ދަތުރުތައް ފަށާފަައިވާއިރު މިހާތަނަށް ބަރުލަމާނީ ޕެޓިޝަނަށް 109،825 މީހެއްގެ ސޮއި ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 83 މީހެއްގެ ސޮއި ތަކުރާރު ވެފައިވާތީ އެ ސޮއިތައް އުނިކޮށްފައިވާ ކަމަށެވެ. މިހާތަނަށް ޖުމްލަ 109،742 މީހަކު ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ނިޝާމް ވިދާޅުވީ ބަރުލަމާނީ ޕެޓިޝަނަށް ތާއީދު އޮތުމުން ވޯޓް ލެވޭ ޖުމްލަ އާބާދީއާ ހަމައަށް އެ ޕެޓިޝަން ގެންދަން ކެންޕެއިން ޓީމު ނިންމާފައިވާ ކަމަށެވެ.
ޕެޓިޝަން ރައީސް ސޯލިހާއި މަޖިލީހަށް ހުށައެޅުމަށްވެސް ވަނީ ނިންމާފައެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އަދި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ކުރީން ވަނީ އަންގަވާފައެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.
އޭގެ ފަހުން ނަޝީދު ވަނީ މި މަހުގެ ނުވަވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްއަޕް ގުރޫޕަށް މެސެެޖެއް ކުރައްވާފައެވެ. އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓް ނެގުން އަންނަ އަހަރުގެ ނޮވެންބަރު ގައި އޮންނާނެ އެވެ. އަދި އެ ވޯޓަށް ސިޔާސީ ޕާޓީތަކުން އެއްބަަސްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުން 2022 ގައި ވޯޓް ނެގި ނަމަވެސް ރަސްމީކޮށް ބަރުލަމާނީއަށް ފުރޮޅާލުން އޮންނާނީ 2023 ގައެވެ.
އެ މަސައްކަތް އެމްޑީޕީން ކުރަަންޖެހޭ ސަބަބުވެސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ. ވިދާޅުވީ ރައީސް ސޯލިހްއާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށްވުރެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ. މެންބަރުން އެކަމާ ވިސްނާ ވަޑައިގަތުމަށްވެސް ނަޝީދު އެދިވަޑައިގަތެވެ.
"ބޭފުޅުން ވިސްނަވާ. ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެން މި ގޮތް ރަނގަޅުވާނެ ކަމަށް ފެންނަނީ. މިކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވުން ވަރަށް އެދެން. ފުންކޮށް ވިސްނާލީމަ މިއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ،" ނަޝީދުގެ މެސެޖްގައި ވަރަށް ސާފުކޮށް ވިދާޅުވެފައިވެއެވެ.