ރަޝިއާއިން އެސް 400 މިސައިލް ޑިފެންސް ސިސްޓަމް ގަތުމަކުން އިންޑިއާއަށް ދަތި ކުރަން އަޅާނެ ވަކި ފިޔަވަޅެއް އަދި ނުނިންމާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އިންޑިއާއާ މެދު ތަފާތު ގޮތަކަށް މުއާމަލާތް ކުރަން ބައިޑަން އަދި އަންގަވާފައެއް ނުވެ އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އިންޑިއާއަށް ވަޑައިގެން ވެރިންނާ ބައްދަލު ކުރައްވައި ރަޝިއާގައި އުފައްދާ ދިފާއީ ނިޒާމްތައް ނުގަތުމަށް އިންޑިއާގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ އިންޑިއާއަކީ އެމެރިކާއާ ކިތަންމެ ގާތް ބައިވެރިއެއް ނަމަވެސް ދިފާއީ ރޭހުގައި ރަޝިއާއަށް އިތުބާރުކުރުމަކީ އެމެރިކާއަށް ރުހެވޭ ކަމެއް ނޫނެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާއިން އެސް 400 ގަނެފި ނަމަ އިންޑިއާއަށް އޮތީ ދަތިކުރުމުގެ ކޮންމެވެސް ފިޔަވަޅެއް ތަޖުރިބާކުރުން ކަމަށެވެ.
ރަޝިއާއިން އެސް 400 މިސައިލް ޑިފެންސް ސިސްޓަމް ގަތުމަށް 5.43 ބިލިއަން ޑޮލަރު އިންޑިއާއިން ޚަރަދުކުރާނެ އެވެ. ރަޝިޔާގެ އޮފިޝަލަކު ބުނި ގޮތުގައި އެސް 400 މިސައިލް ސިސްޓަމްގެ ބައިތައް އިންޑިއާއަށް ސަޕްލައި ކުރަން މޮސްކޯއިން މިހާރު ވަނީ ފަށާފަ އެވެ.
ރަޝިއާގެ ފެޑެރަލް ސާވިސް އޮފް މިލިޓަރީ-ޓެކްނިކަލް ކޯޕަރޭޝަންގެ ވެރިޔާ ޑިމިޓްރީ ޝުގަޔޭފް ރަޝިއާގެ ނިއުސް އެޖެންސީއަށް ވިދާޅުވި ގޮތުގައި ޑެލިވަރީތައް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ދާނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ރަޝިއާއިން މިސަލް ސިސްޓަމް އިންޑިއާއަށް ފޮނުވަން ފަށާފައި ވަނީ އަންނަ މަހު ކުރީކޮޅު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ވިޔަފާރި ޑީލް ފުރިހަމަ ކުރުމަށެވެ.
ދުބާއީގައި ބޭއްވި އޭރޯސްޕޭސް ޓްރޭޑް ޝޯއެއްގައި ޝުގަޔޭވް ވިދާޅުވި ކަމަށް އިންޓަފެކްސް ނިއުސް އެޖެންސީން ބުނީ އެސް 400 މިސައިލް ޑިފެންސް ސިސްޓަމްގެ ފުރަތަމަ ޝިޕްމަންޓް ލަސްތަކެއް ނުވެ އިންޑިއާއަށް ފޯރާނެ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ދިފާއީ ނިޒާމުގެ ފުރަތަމަ ޔުނިޓް އިންޑިއާގައި ހުންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.