ލައިފްސްޓައިލް

ދެ އަހަރުގެ ކުއްޖަކު ކަހަނބެއް ކަމަށް ކިނބުލަކާ ކުޅެފި

Nov 17, 2021

އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ ޖޯ ބްރެނާ އަށް ދާދިފަހުން ވަރަށް ބިރުވެރި ތަޖުރިބާއެއް ކުރެވުނެވެ. ސޯޝަލް މީޑިއާގައި އޭނާ ވަނީ މި ތަޖުރިބާ ހިއްސާކޮށްފަ އެވެ. ޖޯ ބުނި ގޮތުގައި އޭނާގެ ދެ އަހަރުގެ ދަރިފުޅު ބޮޑު އެލިގޭޓާއަކާ ކުޅެން ހުއްޓާ ފެނިފައި އޭނާގެ ފައިދަށުން ބިންގަނޑު ދޫވިކަމަށެވެ. އަދި ދުވެފައި ގޮސް ދަރިފުޅު އެތަނުން ދުރަށް ނުލިނަމަ ކުއްޖާގެ ފުރާނަ ސަލާމަތް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖޯ ބުންޏެވެ.

ޖޯ ކިޔައިދިން ގޮތުގައި އެ ދުވަހު އޭނާ ދަރިފުޅު ގޮވައިގެން ދިޔައީ ޖެކްސަންވިލާގައި ހުރި ރެސްޓޯރަންޓަކަށެވެ. ރެސްޓޯރެންޓާ ކައިރީ ބޭރުގައި އޮތް ފެންގަނޑެއް ކައިރީގައި ދަރިފުޅު ކުޅެން އުޅުނުކަމަށް ވެސް ޖޯ ބުންޏެވެ.

"ކަހަނބެއް ކަމަށް ހިތާ ފެންގަނޑުގައި އޮތް އެއްޗަކާ ދަރިފުޅު ކުޅެން ހުރީ. މާ ގިނައިރު ވީއިރުވެސް ދަރިފުޅު ވަރަށް ޝައުގުވެރިކަމާއެކު އެއްޗަކާ ކުޅެން ހުރީމަ އަހަރެން ދިޔައީ ޗެކްކޮށްލަން އެއީ ކޯޗެއްތޯ. ގޮސް ބަލާލިއިރު ކަމަކުދާކަށް ނެތް ދަރިފުޅު ކުޅެންހުރީ ފެންގަނޑަށް ވެއްޓި އޭގެން ސަލާމަތް ނުވެވިފައި އޮތް ބޮޑު އެލިގޭޓާ އަކާ. އަހަންނަށް ވަރަށް ބާރަށް އެ ވަގުތު ހަޅޭއްލަވައިވެސް ގަނެވުނު،" ޖޯ ބުންޏެވެ.

ޖޯ ބުނި ގޮތުގައި އޭނާގެ ދަރިފުޅު އެ ތަނުން ދުރަށް ނުގެންގޮސް ކުޑައިރުކޮޅެއް ވީނަމަވެސް އެ ދަރިފުޅުގެ ފުރާނަ ސަލާމަތް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ފަހުން އެނިމަލް ރެސްކިއު ޓީމަކުން އައިސް އެ ކިނބޫ ފެންގަނޑުން ނަގައިގެން ގެންދިޔައީ ކަމަށް ޖޯ ބުންޏެވެ. ނަމަވެސް އެ ފެންގަނޑަށް ކިނބުލަށް އެރެވުނު ގޮތެއް އަދިވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.