ލައިފްސްޓައިލް

ބައްޕަ މަރުވަމުން ދަރިފުޅު ސަލާމަތް ކޮށްދީފި

އާއިލާއެއް ގޮވައިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރި ކުޑަ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެއްގައި ދަރިފުޅު ސަލާމަތް ކުރަން މަސައްކަތް ކުރަނިކޮށް އެ ކުއްޖާގެ ބައްޕަ މަރުވެއްޖެ އެވެ.

އެމެރިކާގެ ލޭކް މިޗިގަން އައިލެންޑަށް ވެއްޓުނު މި ބޯޓުން ސަލާމަތްވީ 11 އަހަރުގެ އަންހެންކުއްޖެއް އެކަންޏެވެ. ކުއްޖާގެ މަންމަ ބުނި ގޮތުގައި ބޯޓު ބިންމަތީގައި ޖެހެން ދިޔަ ވަގުތު އޭނާގެ ބައްޕަ އޭނާ ދިފާއުކޮށް ސަލާމަތް ކުރަން ކުރި މަސައްކަތް ކުއްޖާ ހަނދާން އެބަހުއްޓެވެ.

"މަތިންދާބޯޓު ބިންމަތީ ޖެހުމުގެ ކުރިން ބައްޕަ އޭނާ ގަޔާލާ ބޮނޑިކޮށްލި ހަނދާން ދަރިފުޅުގެ އެބަހުރި. އެނޫން އެހެން އެއްވެސް ހަނދާނެއް ދަރިފުޅުގެ ނެތް،" ކުއްޖާގެ މަންމަ ކްރިސްޓީނާ ޕާޑިއު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި ހަތަރު މީހުންގެ ތެރެއިން އެކަކީ ކުއްޖާގެ ބައްޕަ މާކް ޕާޑިއު އެވެ.

ކްރިސްޓީނާ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ލެނޭ މިހާރު އޮތީ މިޗިކަންގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފަ އެވެ. އަދި ދަރިފުޅުގެ ހާލު އަންނަނީ ރަނގަޅުވަމުންކަމަށް ވެސް އޭނާގެ ބަޔާނުގައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ބޯޓު ވެއްޓިފައިވަނީ ބީވާ އައިލެންޑްގެ ވެލްކޭ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.

މި ހާދިސާގައި ކުއްޖާގެ ބައްޕަ މާކްގެ އިތުރުން ދެން މަރުވީ ކޭޓް ލީސް އާއި އެޑަމް ކެންޑަލް އެވެ. މި ދެ މީހުންނަކީ އެމީހުން ގެންގުޅުނު ދެ ކުއްޖާ ބަލިވެގެން ޖަނަވާރުންގެ ޑޮކްޓަރަކަށް ދައްކަން ވެގެން އެ ބޯޓުން ދަތުރުކުރި ދެ މީހުންނެވެ. ހަތަރު ވަނަ މީހަކީ ބޯޓުގެ ކެޕްޓަނެވެ.

ބޯޓު ވެއްޓެނިކޮށް ފެނުނީ އެހިސާބުން ދަތުރުކުރި ހެލިކޮޕްޓަރެއްގެ ފަޅުވެރިއަކަށެވެ. ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގީ އޭނާ އެވެ. އަދި މާކް އައި އޭނާގެ ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔައީ ވެސް ހެލިކޮޕްޓަރު ކުރޫ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މާކް އޮތީ މަރުވެފައި ކަމަށާއި ކުޑަ ކުއްޖާއަށް ވެސް ބޮޑެތި އަނިޔާތައް ވެފައި ހުއްޓަސް ފުރާނައަށް ނުރައްކާ ނޫންކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.