ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އަލިފާން ނިވި ހަރުކުރުމާއި އެތަކެތި ބެލެހެއްޓުން ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކް އާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އައިޝަތު ޝިހާމް ސޮއިކުރެއްވިއިރު، ސިވިކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ބްރިގޭޑިއަ ޖެނެރަލް އަލީ ޒުހައިރެވެ.
ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކަން ނިޒާމީ ގޮތެއްގައި ބެލެހެއްޓުމަށް ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން ތިން އަހަރު ދުވަހުގެ މުއްދަތަށް ސިވިކް އިން ސްކޫލްތަކުގައި އަލިފާން ނިއްވާ ނިޒާމްތައް ބަލަހައްޓަމުން އަންނާނެ އެވެ.
ރަސްމިއްޔާތުގައި މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވޭނީ ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި އެ މަސައްކަތް ސިވިކްއާ ހަވާލުކުރުމުގައި އެކަމަށް އިސްކަން ދީފައިވާ ކަމަށް ޝިހާމް ވިދާޅުވި އެވެ.
މިއަދު ވި އެއްބަސްވުމުގެ ދަށުން ސްކޫލްތަކުގައި ހުރި އަލިފާން ނިވިތައް ހުރީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބަލައި ކަށަވަރު ކުރާނެ އެވެ. މި މަޝްރޫޢުގެ ދަށުން ސްކޫލްތައް ބަލަހައްޓަމުންދާނީ ރީޖަންތަކަކަށް ބަހާލައިގެންނެވެ.
ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ ސްކޫލެއްގައި އެމަޖެންސީ އޮޕަރޭޝަން ޕްލޭން ވަނީ ތައްޔާރުކޮށްފަ އެވެ. އެ އެޕްލޭންގެ ދަށުން ސްކޫލްތަކުގައި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް އެޑިއުކޭޝަނުން ވަނީ އެމްއެންޑީއެފާއި ދިވެހި ރެޑްކްރެސެންޓާ އެކު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.