ރައީސް މުހައްމަދު ނަޝީދު

ދަތި އުނދަގޫ ދުވަސްތަކެއްގައި ސަރުކާރުން ހޯދީ ބޮޑު ކާމިޔާބެެއް: ނަޝީދު

ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްގައި ސަރުކާރުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ދިމާކޮށް ކުރެއްވި ޓްވީޓެއްގައެވެ. ނޮވެންބަރު 17، 2018 ގައި ފެށުނު ރައީސް ސޯލިހުގެ ވެރިކަމަށް މިއަދު ތިން އަހަރު ފުރުމާއި ގުޅިގެން ނަޝީދު ވިދާޅުވީ ސަރުކާރުގެ ތިން އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ އަދި ސަރުކާރަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްގައި ސަރުކާރުން މިވަނީ ބޮޑު ކާމިޔާބެއް ހޯދާފައި،" ސަރުކާރުގައި ބޮޑު ހިއްސާއެއް އޮތް އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަދި ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކޮށް އެމްޑީޕީންވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި މިސަރުކާރުން ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފައިވާ ކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ސަރުކާރުތަކުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކޮށްގެން ކޮށްފައިވާ ކަންކަން މިދިޔަ ތިން އަހަރުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކޮށްދީ، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެޅި މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އާ ފަނޑިޔާރުންގެ ބެންޗެއް ނަންގަވައި ޝަރުއީ ދާއިރާ އަށް ހެޔޮބަދަލެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަގާފަތް ބަދަލުކޮށް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް މިސަރުކާރުން ފުރުސަތު ދީފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

"ސިޔާސީ ޙަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެވެ އެވެ. ހަމައެފަދައިން ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒު ކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި ތިން އަހަރުގެ ތެރޭގައި ގެންނަވާފައިވެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މިވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއި، އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށްވެސް ސިފަކުރައްވާފައިވެ އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަގްވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުން ގޮސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ ކޮވިޑް-19ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންގޮސްފައިވުމަކީ ޕާޓީން ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. މިސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ހާސިލްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެ ޕާޓީގެ ވެރިކަމަކާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުކުރެއްވުނީ އޭރު އޮތް ހުދުމުހުތާރު ވެރިކަން ބަލިކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވި ރަނގަޅު ތަސައްވުރެއްގެ ސަބަބުން ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"އެފަދަ ކާމިޔާބެއް މި ޕާޓީއަށާއި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުން ދެއްވި މައިގަނޑު ސަބަބަކީ މި ޕާޓީންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދުތަކާއި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުން ކަމަށް ދެކެމެވެ. އަދި އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމެއްގެ ސަބަބުންކަމަށް ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.