ލައިފްސްޓައިލް

ކޮރަޕްޝަނާ ދެކޮޅަށް ފުލުހަކު "ދަރިން ވިއްކަން" އުޅެފި

ޕާކިސްތާނު ފުލުހަކު އޭނާގެ އުފަން ދަރިންތައް ވިއްކަން މަގުމަތީގައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ޓުވިޓާގައި ދައުރުވެ ގިނަ ބަޔަކު މިކަމާ ވަރަށް ހައިރާން ވިއެވެ. މި ކަމެއް ހިނގާފައިވަނީ ސިންދް ޕްރޮވިންސްގެ ގޮޓްކީ ޑިސްޓްރިކްޓް ގައެވެ.

މި ވީޑީއޯއިން ފެންނަނީ ޕާކިސްތާނުގެ ޕްރިޒަން ޑިޕާޓްމަންޓުގައި ފުލުހެއްގެ ވަޒީފާ އަދާކުރާ ނިސާރް ލަޝާރީ ކިޔާ މީހަކު ބޮޑު މަގެއްގެ މެދުގައި ހުރެގެން ދަރިން ގަންނާނެއްބާ ގޮވާ މަންޒަރެވެ. އޭނާގެ ދެ ދަރިން ކައިރީގައި ތިބިއިރު މިކުދިން ތިބީ ވާނުވާ ނޭނގިފައި ހެން މި ވީޑިއޯ ބަލާލުމުން ގަބޫލު ކުރެވެ އެވެ.

އިރުކޮޅަކުން އޭނާ ހަގު ދަރިފުޅު އުރާލުމަށް ފަހު 50،000 ރުޕީސް އަށް މި ކުދިން ވިއްކާ ކަމަށް ލަޝާރީ ގޮވަމުން ދިޔަ އެވެ.

ނަމަވެސް މި މީހާ މިކަން ކުރުމުގެ މަގްސަދު އެނގުމުން ގިނަ ބަޔަކު ވަނީ މި މީހާ ކަންތައް ކުރީ ރަނގަޅަށް ކަމަށް ބުނެފަ އެވެ.

ލަޝާރީ މިގޮތަށް ކަންތައް ކުރީ އޭނާގެ ދަރިއަކު ބަލިވެގެން ޗުއްޓީއަކަށް އެދުމުން ޗުއްޓީ ލިބޭނީ ރިޝްވަތު ދީގެން ކަމަށް އޭނާގެ ބޮސް އޭނާ ކައިރީ ބުނީމަ އެވެ. ބޮސް އަށް ދޭނެ ރިޝްވަތު ފައިސާ އޭނާއަށް ނުލިބުމުން އޭނާގެ ޗުއްޓީ ކެންސަލް ކޮށްލައި އޭނާ ދިރިއުޅޭ ސިޓީއާ 120 ކިލޯމީޓަރު ދުރުގައި އޮންނަ ލަރްކާނާ ކިޔާ ރަށަކަށް އޭނާ ވަނީ ޓްރާންސްފާ ކޮށްފަ އެވެ.

"ރިޝްވަތު ދޭން ނުލިބުމުން އެމީހުން އަހަންނަށް މިވަރުގެ ބޮޑު އަދަބެއް ދިނީ ކީއްވެ؟ އަހަރެންގެ ފަގީރުކަމުން ކަރާޗީއަށް ގޮސް ޑައިރެކްޓަރު އިނިސްޕެކްޓާ ޖެނެރަލް އޮފް ޕްރިޒަންސް އަށް ޝަކުވާ ހުށަހެޅޭނެ ގޮތެއް ވެސް ނެތް. މި ތަނުގައި އުޅޭ މީހުންގެ ބާރުގަދަ ކަމުން އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް އަޅަން ކެރޭ ބަޔަކު ވެސް ނެތް،" ލަޝާރީ ބުންޏެވެ.

ލަޝާރީ ދެން ކުރީ ވަރަށް މުހިއްމު ސުވާލެކެވެ. "އަހަރެން ޗުއްޓީގެ ބޭނުމުގައި ބޮސް އަށް ރިޝްވަތު ދޭންވީތަ؟ ނޫނި އެ ފައިސާއިން ދަރިފުޅު ގެ އޮޕަރޭޝަން ކުރަންވީތަ؟ އަދި ލަރްކާނާއަށް ވަޒީފާއަށް ދާންވީތަ ނޫނީ ދަރިފުޅަށް ފަރުވާކުރަންވީތަ؟"

ލަޝާރީގެ ވާހަކަތައް އިވިފައި އިންޓަނެޓުގައި ގިނަ ބަޔަކު އޭނާއަށް ހަމްދަރުދީ ފާޅުކޮށް އޭނާއާ ދޭތެރޭ ކަންތައްތައް ވެފައިވާ ބޭ އިންސާފު ގޮތާ މެދު ރުޅިވެރިކަން ފާޅުކޮށްފައި ވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ލަޝާރީ ކުރި މަސައްކަތުގެ ވީޑިއޯ އިންޓަނެޓުގައި ވައިރަލްވެ ސިންދު ޕްރޮވިންސްގެ ޗީފް މިނިސްޓަރު މުރާދު އަލީ ޝާހް އަށް މި ވީޑިއޯ ފެނިވަޑައިގަތެވެ. އަދި އޭނާ މި ކަން ހިނގާފައިވާގޮތް ބައްލަވައި ލަޝާރީ އަށް އޭނާ ކުރިން ހުރި ވަޒީފާގައި ހުރެވޭނެގޮތް ވަނީ ހައްދަވާދެއްވާފަ އެވެ. އަދި އޭނާގެ ދަރިފުޅަށް ފަރުވާ ކުރުމަށް ބޭނުންވެގެން އުޅުނު 14 ދުވަހުގެ ޗުއްޓީ ވެސް އޭނާއަށް ލިބޭނެ ގޮތް ވެސް ވަނީ ހަމަޖައްސަވާފަ އެވެ.