ސިކުނޑި ހަމަނުޖެހޭ މީހަކު ދެކެ ބަޔަކު އެހާ ލޯބިވެދާނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރާނެ އެވެ. ޚާއްސަކޮށް އެމީހާއަކީ މަގުމަތީގައި ސަލާންޖަހަން އިންނަ މީހެއް ނަމައެވެ. ނަމަވެސް އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓުގެ ބެލާރީ ޑިސްޓްރިކްޓްގައި ދިރިއުޅުނު 45 އަހަރުގެ ހުއްޗާ ބަސްޔާ ނުވަތަ މީހުން އޭނާއަށް ގޮވާ އާއްމު ނަމުން ނަމަ ބަސާވާ އަކީ ވަރަށް ތަފާތު މީހެކެވެ.
ސިކުނޑި ހަމަނުޖެހޭ މީހަކަށް ވުމުގެ އިތުރުން އިންތިހާއަށް ފަގީރު މީހަކަށް ވިޔަސް ބަސްޔާ ވަނީ އޭނާ ދިރިއުޅުނު ހިސާބުގެ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. މަގުމަތީ އެކްސިޑެންޓެއްގައި ދާދިފަހުން ބަސްޔާ މަރުވުމުން އޭނާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވުން މީހުން އޭނާ ދެކެ ލޯބިވީ ކަމުގެ ހެއްކަކަށް ފުދެ އެވެ. އެހެންނޫންނަމަ ފަގީރު ނިކަމެތި މީހެއްގެ ޖަނާޒާގައި ބައިވެރިވާނީ ހާލަކުން މީހެކެވެ.
ބަސްޔާގެ ގައިގައި ވެހިކަލުން ޖެހި ހިނގި އެކްސިޑެންޓުގައި އޭނާ މަރުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި ޖަނާޒާ ބާއްވާފައިވަނީ އާދިއްތަ ދުވަހު އެވެ.
ބަސްޔާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވީއިރު އޭނާ މަރުވެގެން ޖަނާޒާ ބާއްވާކަން އަންގައި މީހުން ވަނީ މަގުމަތީގައި ފޮތިގަނޑުތައް ވެސް ދަމާފަ އެވެ. އަދި އޭނާގެ ޖަނާޒާއޮތް ތަނަށް ހަށިގަނޑު ގެންދިޔަ އެމްބިއުލެންސް ބޮޑެތި މަގުތަކުން ދަތުރުކުރަމުން ދިޔައީ ބޭރު ދުންމާރި ތާޅަފިލީގައި މިއުޒިކާ އެކުގަ އެވެ.
ބަސްޔާ އާއި އެމީހުންގެ އޮތް ގުޅުން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވެއެވެ. އެއްބަޔަކު ބުނީ ބަސްޔާ ހުރިހާ އެންމެންނާ ވެސް މުޚާތަބު ކުރާނީ 'އައްޕާޖީ" (ބައްޕަ) އޭ ކިޔާފަ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އޭނާއަށް ދޭން ޖެހޭނީ އެންމެ ރުފިޔާއެއް ކަމަށެވެ. އިތުރަށް ދިނަސް ބާކީ އޭނާ އަނބުރާ ދޭނެ ކަމަށް ބަސްޔާގެ ވާހަކަ ދެއްކި މީހުން ބުނެފައި ވެއެވެ. އަދި ގަދަކަމުން ދޭން އުޅުނަސް އިތުރަށް އެންމެ ރުފިޔާ އެއް ވެސް ބަސްޔާ ނުހިފާކަމަށް ވެއެވެ.
ބަސްޔާގެ މައުސޫމްކަމުންނާއި ވާހަކަ ދައްކާލެއް ސާދާކަމުން އޭނާ އާ ބައްދަލުވާ ކޮންމެ މީހެއްގެ ހިތުގައި ވެސް އޭނާއަށް ޚާއްސަ ލޯތްބަކާއި ގަދަރެއް ދެވެ އެވެ. އަދި އޭނާއަށް އެއް ރުފިޔާ ދިނުމަކީ ނަސީބު ގަދަވާ ކަމެއް ކަމަށް ދެކޭ މީހުން ވެސް އެ ސަރަހައްދުގައި ވަރަށް ގިނަ ކަމަށް ވެއެވެ. ބަސްޔާގެ ޖަނާޒާގައި އެހާ ގިނަ ބަޔަކު ބައިވެރިވެ އެހާ ފުރިހަމަކޮށް ކުރިޔަށް ގެންދެވުނީ އޭނާ ދެކެ މީހުން ވާ ލޯބީގެ ރަމްޒެކެވެ.