ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އޮޕަރޭޝަން ރާއްޖެއިން ކުރެވޭ، ބޭރަށްދާކަށް ނުޖެހޭ: ކަރެކްޝަންސް

  • ބޭރަށް ދާން މެޑިކަލް ބޯޑުން ހުއްދަ ދޭނެ ކަމަށް ނުލެބެވޭ
  • އޭޑީކޭއަށް ދައްކަނީ ނަޝީދު އެދިގެން
  • ނަޝީދަށް ވެސް ފުރުސަތު ދެވޭނީ އޮންނަ އުސޫލުން

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަންސް ރާއްޖެއިން ކުރެވޭ ކަމަށާއި ބޭރަށްދާން ނުޖެހޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފި އެވެ.

ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް ނަޝީދުގެ ފަރާތުން ކަރެކްޝަންގައި އެދިފައިވާތީ އެކަމާއި ބެހޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދު ވިދާޅުވީ ގައިދީންގެ ބޭސްފަރުވާގެ ކަންތައްތައް އޮންނަ އުސޫލުގެ ދަށުން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަކަށް ދިޔުމުގެ ހުއްދަ ލިބޭނީ ރާއްޖެއިން ފަރުވާ ނުކުރެވޭ ކަމެއްގައި ކަމަށެވެ. ނަޝީދު ދެއްކެވި ޑޮކްޓަރުންގެ ރިޕޯޓްތަކާ ހަވާލާދެއްވައި ވިދާޅުވީ ނަޝީދުގެ އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަކަށް އެއްވެސް ގެންދީ އަކަށް މެޑިކަލް ބޯޑުން ހުއްދަ ދޭނީ އެ ފަރުވާއެއް ރާއްޖެއިން ނުކުރެވޭ ކަމަށް ޑޮކްޓަރުން ލަފާދޭ ނަމަ ކަމަށެވެ.

"ނަޝީދުގެ ރިކުއެސްޓް އަދި މެޑިކަލް ބޯޑަށް ހުށަނާޅާ. އެއޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނަކަށްވާތީ ބޭރަށް ދިއުމުގެ ހުއްދަ ބޯޑުން ނުދޭނެ، ނަޝީދުގެ އޮޕަރޭޝަން ރާއްޖެއިން އެބަ ކުރެވޭ. ޑޮކްޓަރުން އެވަނީ ރިޕޯޓްގައި ވިދާޅުވެފައި،" ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ ނަޝީދު އޭޑީކޭއަށް ދައްކަނީ، އެމަނިކުފާނު ދައްކަން ބޭނުންފުޅުވާ ޑޮކްޓަރު އައިޖީއެމްއެޗްގައި މަސައްކަތް ނުކުރައްވާތީ އެވެ. ހުޝާމް ވިދާޅުވީ އެހެން ގައިދީންނެކޭ ވެސް އެއްގޮތަށް ބޭސް ފަރުވާއަކަށް ބޭރަށް ދާން ޖެހޭ ކަހަލަ ހާލަތެއް މެދުވެރިވެފައި އޮތް ނަމަ، ނަޝީދަށް ވެސް އެ ފުރުސަތު ކަރެކްޝަންސް އިން ދޭނެ އެވެ. އެހެން ނަމަވެސް ރާއްޖެއިން ކުރެވޭ އޮޕަރޭޝަނެއް ކުރަން އެއްވެސް ގައިދީ އަކު ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދެމުން ނުދާކަން ހުޝާމް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

ނަޝީދު ވަކީލުން ވިދާޅުވަނީ އެދި ދުވަސްވަރު ޖަލުގައި ނަޝީދަށް ލިބުނު އަނިޔާތަކުގެ ސަަބަބުން އެމަނިކުފާނުގެ މައިބަދަޔާ ގުޅިފައިވާ ނާރެއް ފިތެމުން އަންނަ ކަމަށެވެ. އަދި މައި ބަދަ އޮޕަރޭޝަން ކުރުމަށް "މައިކްރޯ ޑިސެކްޓަމީ" އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ވަކީލުން ވިދާޅުވި އެވެ. އެ އޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތް ކަމަށް ވެސް އެބޭފުޅުން ވިދާޅުވެ އެވެ.