ޕާކިން ޒޯންތަކުގައި އުޅަނދު ފަހަރު އެންމެ ގިނަވެގެން ބޭއްވީ ހަފުތާއެއް ވަންދެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހެން އަންގާފައި ވަނީ އިއްޔެ ގެޒެޓްކޮށްފައިވާ އެއްގަމު އުޅަނދު ފާކު ކުރުމުގެ ގަވައިދުގަ އެވެ. ގަވައިދުގައި ބުނެފައި ވަނީ ބަންޑާރަ މަގުތަކުގައި ޕާކިން ޒޯނު އޮންނަ ތަން ކަނޑައަޅާނީ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ކަމަށެވެ.
އެ ގަވައިދުގައި ބުނެފައިވާ ގޮތުން ފީ ނަގާ ގޮތަށް ޕާކިން ޒޯނުތަކެއް ހާއްސަ ކުރުމުގެ އިހްތިޔާރު ވެސް ކައުންސިލްތަކަށް ލިބިގެން ވެއެވެ. އަދި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ބަންޑާރަ މަގުތަކުގައި ޕާކިން ޒޯނުތަކާއި ޕާކު ކުރުމަށް ނަގާ ފީ ކަނޑައަޅަން ޖެހޭނީ ކައުންސިލްތަކުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.
މީގެ އިތުރުން ގަވާއިދުގައި ބުނެފައި ވަނީ އެއްގަމު އުޅަނދު ޕާކު ކުރުމަށް ކަނޑައަޅައިފައި ވާ ތަނެއްގައި މެދުކެނޑުމެއްނެތި އުޅަނދު ބޭއްވޭނީ ގިނަވެގެން ހަތް ދުވަހު ކަމަށެވެ. އަދި ވަޔަލޭޝަން ސްޓިކާ ހަރުކުރާތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން އެ އުޅަނދު އޮތް ތަނުން ނަގަން ޖެހެ އެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ އުޅަނދުތައް އިސްތިސްނާ ވެއެވެ.
ގަވައިދު ބުނާ މުއްދަތުގައި އެ އުޅަނދެއް ނުނަގައިފިނަމަ ކައުންސިލާއި ފުލުހުން އެ އުޅަނދެއް ޓޯ ކުރުމަށްޓަކައި ތަޅު އެޅުވުމުގެ އިހުތިޔާރު ލިބިގެންދާނެ އެވެ.