ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމުގައި ގާނޫނާ ހިލާފުވި މައްސަލައެއްގައި ބ. ޖުޑީޝަލް ދާއިރާ އާއި ހަވާލުވެވަޑައިގެން ހުންނެވި އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު ސަސްޕެންޑްކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން ކަމަށް ވިދާޅުވެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ.
ނަމަވެސް ހަމަ އެ ހަސްމާ ގުޅޭ ގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލައިފައިވާ ކަމަށެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެކެވެ. ޖޭއެސްސީ އިން ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުން އެ ހަސްމާ މެދު ގޮތް ނިންމަވާފައި ވަނީ ވެސް ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށެވެ.
އެހެންކަމުން އިސް މެޖިސްޓްރޭޓްގެ މި އަމަލާ ގުޅިގެން ޖޭއެސްސީ އިން ސުކޫލީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލި އެވެ. އިއްޔެ ޖޭއެސްސީ އިން ނިންމާފައި ވަނީ އަހުމަދު ލަތީދު ދެ ހަފްތާގެ މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް މަސައްކަތުން އެކަހެރި ކުރުމަށެވެ.
އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރުމާއި ގުޅިގެން ބ. ޖުޑީޝަލް ދާއިރާގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެޑައިގެން ހުންނެވީ ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސުޖާއު އެވެ.