ދެހާސް ތޭވީސް ވަނަ އަހަރު ލޯނުތަކަށް ދައްކަން ޖެހޭ އަދަދު އިތުރުވުމުގެ ބޮޑު ސަބަބަކީ އިންޑިިއާގެ ޓީބިލް [ދަރަނި] އަނބުރާ ދައްކަން ޖެހޭތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން އިންޑިއާ ސަރުކާރުން ހިލޭ އެހީއަކަށް ބަދަލުކޮށްދޭނެކަމުގެ ޔަގީންކަމާއެކު، 2019 ވަނަ އަހަރު އިންޑިއާ އިން އިންވެސްޓް ކުރި 150 މިލިއަން ޑޮލަރުގެ ޓީ- ބިލް 2023 ވަނަ އަހަރުގެ ތެރޭގައި އަނބުރާ ދެއްކުމަށް ރާވައިފައިވާ ކަމަށެވެ.
އެހެންވެ ބެލެވޭ ގޮތުގައި ހިލޭ އެހީއެއްގެ ގޮތުގައި ދިން އެއްޗެއް ކަމަށް ކުރިން ސަރުކާރުން ތަކުރާރުކޮށް ބުނި މި 150 މިލިއަން ޑޮލަރު އިންޑިއާ އިން ވަނީ އެއީ ރާއްޖޭން އަނބުރާ ދައްކަން ލާޒިމް ކުރާ ދަރަންޏެއްގެ ގޮތުގައި ބަހައްޓާފަ އެވެ.
ނަތީޖާއެއްގެ ގޮތުން މި ބުރައާއެކު ރާއްޖޭން ލޯނު ދައްކަން ކުރަން ޖެހޭ ހޭދަ ވަނީ ބޮޑުތަނުން މަތިވެގެން ގޮސްފަ އެވެ. މި ބަދަލާއެކު އަންނަ އަހަރު ލޯނުތައް އަނބުރާ ދައްކަން 2.8 ބިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ. މިއީ ޖުމްލަ ބަޖެޓުގެ 7.7 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބުނީ ލޯނު އަނބުރާ ދެއްކުމަށް ހިނގާ ހަރަދު ބިނާވެފައިވަނީ ދައުލަތުން
ވެފައިވާ ލޯނު އެއްބަސްވުންތަކުގެ މައްޗަށެވެ.
ލޯނު ދެއްކުން ބެހިގެންދާނެ ގޮތް
- ބޭރުގެ ލޯނު ދައްކަން 2.49 ބިލިއަން
- އެތެރޭގެ ދަރަނި ދައްކަން 370.6 މިލިއަން
ނަމަވެސް، އަންނަ އަހަރު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ލޯނު ދައްކަން ހޭދަކުރަން ޖެހުނު ނަމަވެސް މި އަދަދަކީ މި އަހަރު މި ބަޔަކަށް ހޭދަކުރި އަދަދަށްވުރެ 35.2 ޕަސެންޓް ދަށް އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރު ތެރޭގައި 2022 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވްރިން ބޮންޑުގެ ބޮޑު ބައެއް އަދާކޮށްފައިވާތީ މި ބޮންޑުން ބާކީ ދައްކަންޖެހޭ
މިންވަރު 2022 ގައި އަދާކުރަންޖެހޭނެ އެވެ.