އަޅުގަނޑުމެންގެ މުޖްތަމަޢުގެ އަޚުލާޤީ މިންގަނޑު ނެތިގޮސް އިޖްތިމާޢީ ފޭރާންވަނީ ވީދިފައެވެ. ރޯމާދުވާލު ވައްކަންކުރާ މީހުންވަނީ ގިނަވެފައެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުންވަނީ ޢާއްމުވެފައެވެ. ރަހީނު ކުރުމާއި، މުދާ ފޭރުމާއި، ލޭ އޮހޮރުވާ ޙައްޤަކާ ނުލައި މީހުން މެރުންވެސްވަނީ އާންމުވެ އާދައިގެ ކަންކަމަށްވެފައެވެ. މިދެންނެވީ އަދުގެ ޙާލަތެވެ. އެހެނެއްކަމަކު މީސްތަކުން ހަނދާންނެތިފައިވަނީ އަނިޔާވެރީންގެ ނިމުންހުރި ގޮތެވެ.
އަނިޔާވެރިކަމާއި ފިތުނަ ފަސާދަ އާއްމުވުމަކީ މުޖްތަމަޢުގެ ހަމަޖެހުން ނައްތާލާ ކަމަކެވެ. އަނިޔާވެރިކަމަކީ ދެދިނިޔޭގެ ގެއެއްލުމާއި ހަލާކަށް އެކަން ކުރާ މީހާ ހުށަހަޅާ ސަބަބެކެވެ. މީސްތަކުންނަށް އަނިޔާދީ، ލޭ އޮހޮރުވައި މާރާމާރީ ހިންގައި، މުދަލަށާއި މާލަށް ގެއްލުންދީ، ޣީބަ ބުނެ، ފުރައްސާރަކޮށް، އަދި މިނޫން ކަމެއް ކުރިކަމުގައި ވީނަމަވެސް އަނިޔާއެއްވާނީ އަނިޔާއަކަށެވެ. އެއިން ކަމެއް ކޮށްފައި މިދުނިޔޭގައި ފިލައިގެން ދިވެދާނެވެ. ނަމަވެސް އާޚިރަތުގައި އޭނާގެ ހިސާބު ނުބައްލަވައި، ޙައްޤު ޖަޒާ ނުލިބި ސަލާމަތްވާނޭކަމުގައި ހީނުކުރާށެވެ.
ޤިޔާމަތް ދުވަހު އަނިޔާ ލިބުނު މީހާއާއި އަނިޔާ ދިން މީހާވެސް މާތް ﷲ ގެ ކުރިފުޅު މަތީގައި ހުއްޓި ހުންނަޖެހޭނެއެވެ. އެދުވަހަކީ އެއްވެސް މީހެއްގެ މަގާމެއް، ޖާހެއް، ރިޝްވަތެއް، ދޮގުހެކި ދިނުމަކަށް ޖާގައެއް އޮންނާނޭ ދުވަހެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلا تُظْلَمُ نَفْسٌ شَيْئاً وَإِنْ كَانَ مِثْقَال حَبَّةٍ مِنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِبِينَ ﴾ (الأنبياء:47) މާނައީ: "ތިމަންރަސްކަލާނގެ ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމުކުރައްވާހުށީމެވެ. ފަހެ، އެއްވެސް ނަފްސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ."
ޢަދުލުވެރިކަމުގެ ތިލަފަތުގައި ކޮންމެ މީހަކު ކޮށްފައިވާ، ކިތަންމެ ކުޑަ ޢަމަލެއްވިޔަސް ކިރައިލެވޭނެއެވެ. އަދި ކޮންމެ މީހަކުމެ އޭނާގެ ޢަމަލުތަކުގެ ފަތް ކިޔާނެއެވެ. އޭގައި ހުރިހާ ކަމެއް ޝާމިލުވެގެންވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لا يُغَادِرُ صَغِيرَةً وَلا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِراً وَلا يَظْلِمُ رَبُّكَ أَحَداً ﴾ (الكهف:49) މާނައީ: "އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް ވެފައި މިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ."
އަލްބުޚާރީއާއި މުސްލިމްގައި އަބޫ މުސާ އަލްއަޝްޢަރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «إِنَّ اللَّهَ لَيُمْلِي لِلظَّالِمِ حَتَّى إِذَا أَخَذَهُ لَمْ يُفْلِتْهُ» قَالَ: ثُمَّ قَرَأَ: {وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ القُرَى وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ} (هود: 102) މާނައީ: "ހަމަކަށަވަރުން، ﷲ ތަޢާލާ އަނިޔާވެރިޔާއަށް (އޭނާ އިޞްލާޙުވުމަށްޓަކައި ޢުޤޫބާތެއް ނުދެއްވައި) ފުރުޞަޠު ދެއްވައެވެ. ފަހެ، އެއިލާހު އޭނާގައި ހިއްޕަވައިފިނަމަ، (އެބަހީ: ޢުޤޫބާތް ދެއްވައިފިނަމަ) އޭނާއަށް ސަލާމަތެއް ނުވެވޭހުއްޓެވެ." މިހެން ޙަދީޘް ކުރެއްވުމަށްފަހު ޤުރްއާނުގެ މިއާޔަތް ކިޔަވައި ވިދާޅުވިއެވެ. (މާނައީ) "ރަށްތަކުގެ އަހުލުވެރިން އަނިޔާވެރިވެގެންވާޙާލު، ކަލާގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިތްޕެވުންއޮތީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ އަޅުތަކުންނަށް އޯގާތެރިވެވޮޑިގެން، އަނިޔާވެރިކަންވަނީ އެއިލާހުގެ ޒާތުފުޅަށް ޙަރާމް ކުރައްވާފައެވެ. ޤުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. «يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا، فَلَا تَظَالَمُوا » رواه مسلم މާނައީ: "(މާތް ﷲ ވަޙީކުރެއްވިއެވެ.) އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން އިލާހުވަނީ އަނިޔާވެރިކަން ތިމަން އިލާހުގެ ނަފްސަށް ޙަރާމް ކުރައްވާފައެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުންވެސް ޙަރާމް ކަމެއްކަމުގައިވަނީ ލައްވާފައެވެ. ފަހެ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވާހުށިކަމެވެ!"
އަނިޔާވެރިކަމަކީ ޤިޔާމަތް ދުވަހު އެތަކެއް އަނދިރިކަމެއް ކުރިމަތިކުރުވާ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «اتَّقُوا الظُّلْمَ، فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ، وَاتَّقُوا الشُّحَّ، فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ، حَمَلَهُمْ عَلَى أَنْ سَفَكُوا دِمَاءَهُمْ وَاسْتَحَلُّوا مَحَارِمَهُمْ» رواه مسلم މާނައި: "ތިޔަބައިމީހުން އަނިޔާވެރިވުމާމެދު ބިރުވެތިވާހުށެވެ! (އެބަހީ: އަނިޔާވެރި ނުވާށެވެ.) ހަމަކަށަވަރުން އަނިޔާވެރިކަމަކީ ޤިޔާމަތް ދުހު އަދިރިތަކެއް ކަމުގައި ވާހުއްޓެވެ. އަދި ތިޔަބައިމީހުން ދަހިވެތިކަމަށް ބިރުވެތިވާށެވެ! ފަހެ، ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތައް ހަލާކުވެދިޔަ ސަބަބެއްކަމުގައިވީ ދަހިވެތިކަމެވެ. އޭގެ ސަބަބުން އެމީހުން އެއްބަޔަކު އަނެއްބައެއްގެ ލޭ އޮހޮރުވައި ހެދިއެވެ. އަދި ޙަރާމްކުރައްވާފައިވާ ކަންކަން ހުއްދަކޮށްގަތެވެ."
އަނިޔާވެރިންނަށް އާޚިރަތުގައިހުރީ ނިކަމެތިކަމާއި ވޭންދެނިވި ޢަޒާބެވެ. ހަމައެފަދައިން އަނިޔާވެރިކަމަކީ ފިތުނަތަކާއި މުޞީބާތްތައް ދުނިޔެމަތީގައިވެސް ކުރިމަތިކުރުވާކަމެކެވެ. ކުރީގެ އުއްމަތްތަކުގެ ތެރެއިން، އަނިޔާވެރިވީކަމަށްޓަކައި ނެތި ހަލާކުވެގެން ދިޔައީ ކިތައްކިތައް މީހުން ހެއްޔެވެ! މީސްތަކުންގެ ތެރެއިން އަނިޔާވެރިވެގަތް އެތައް ބަޔަކަށްވަނީ ދުނިޔޭގައިވެސް އެމީހުންގެ ޢަމަލުތަކުގެ ނަތީޖާއާއި ކުރިމަތިލާން ޖެހިފައެވެ. އަނިޔާވެރީންގެ ނިމުމަކީ ގެއްލެނިކަމާއި ހަލާކެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ وَكَمْ قَصَمْنَا مِنْ قَرْيَةٍ كَانَتْ ظَالِمَةً وَأَنْشَأْنَا بَعْدَهَا قَوْمًا آخَرِينَ * فَلَمَّا أَحَسُّوا بَأْسَنَا إِذَا هُمْ مِنْهَا يَرْكُضُونَ * لَا تَرْكُضُوا وَارْجِعُوا إِلَى مَا أُتْرِفْتُمْ فِيهِ وَمَسَاكِنِكُمْ لَعَلَّكُمْ تُسْأَلُونَ * قَالُوا يَاوَيْلَنَا إِنَّا كُنَّا ظَالِمِينَ ﴾ (الأنبياء:11-14) މާނައީ: "އަނިޔާވެރިވި ކިތައްކިތައް ރަށުގެ އަހުލުވެރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވިން ހެއްޔެވެ؟ އަދި އެއުރެންގެ ފަހުން އެހެންބަޔަކު ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. (11) ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ ޢަޒާބު ގާތްވެއްޖެކަން އިޙްސާސްވީހިނދު، އެހާރުން އެއުރެން އެތަނުން ފިލާންދުވެތެވެ. (12) (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ފިލާން ނުދުވާށެވެ! އަދި ތިޔަބައިމީހުން އެ ނިޢްމަތްތަކުގައި އަރާމުކުރާންތިބި ނިޢްމަތްތަކަށާއި، ތިޔަބައިމީހުންގެ ގެތަކަށް އެނބުރި ރުޖޫޢަ ވާށެވެ! (އެއީ) ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެ ކަމަށްޓަކައެވެ. (14) އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިން ކަމުގައެވެ."
ދަންނާށެވެ! މީހަކަށް އަނިޔާއެއްދީފައި މިދުނިޔޭގައި ފިލައިގެން އުޅެވިދާނެއެވެ. ނަމަވެސް އަނިޔާވެރީންނަށް ދުނިޔޭގައިވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެމީހުން ދުނިޔަވީ ހަޔާތް ވޭތިކުރާނީ ކުރެވިފައިވާ ނުބައި ޢަމަލުތަކުގެ އަނދިރީގައެވެ. މީސްތަކުންނާ ދުރުވެ އެކަހިރިވެ، މޫނު އަނދިރިވެގެންވާ ޙާލުގައެވެ. މި ޙަޔާތުގެ މަދު ވަގުތައް ނިމުމުން ދެން ބައްދަލުކުރާން އޮތް ކަންތައްތަކުގެ ބިރުވެރިކަން އަދި މާ ބޮޑެވެ.