ބޮލީވުޑް

ޕްރީތީ ޒިންޓާއަށް އެއްމާބަނޑު ދެބެން

ޕްރީތީ ޒިންޓާ އާއި އޭނާގެ ފިރިމީހާ ޖީން ގުޑްއިނަފް އަށް އެއްމާބަނޑު ދެބެން ލިބިއްޖެ އެވެ. މި ދެބެންނަކީ ސަރަގަސީ މަންމައެއްގެ އެހީގައި ވިހާފައިވާ ދެބެންނެވެ.

ޕްރީތީ ވަނީ މި އުފާވެރި ޚަބަރުގައި ޓުވިޓާގައި އޭނާގެ ފޭނުންނަށް ދީފަ އެވެ. ޕްރީތީ ބުނި ގޮތުގައި އޭނާއަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ދެބެންނަށް ކިޔާ ނަން ވެސް ޕްރީތީ ހާމަ ކޮށްފައި ވެއެވެ. އޭނާ ބުނި ގޮތުގައި އަންހެން ދަރިފުޅުގެ ނަމަކީ ޖިއާ އެވެ. ފިރިހެން ދަރިފުޅުގެ ނަމަކީ ޖައި އެވެ.

ޕްރީތީގެ މެސެޖުގައި އޭނާއަށް މި ދެބެން ލިބުމުގައި އެހީތެރިވީ ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އެމީހުންގެ ދަރިފުޅު އެމީހެއްގެ ރަހިމުގައި ބާއްވައިގެން ބޮޑުކޮށް ވިހޭ އަންހެންމީހާ އަށް ޝުކުރު އަދާ ކޮށްފަ އެވެ.

ޕްރީތީ އާއި ޖީން ކައިވެނިކުރީ 2016 ގައެވެ. އަދި ކައިވެންޏަށްފަހު ޕްރީތީ ދިރިއުޅެނީ ފިރިމީހާގެ ގައުމު ކަމަށްވާ އެމެރިކާގަ އެވެ. ކައިވެނި ކުރިއިރު ވެސް ޕްރީތީގެ އުމުރު 40 އަހަރަށް ވުރެ މަތީގައި އުޅޭތީ އޭނާ އަމިއްލައަށް ދަރިއަކު ވިހަން އުޅުމުގެ ބަދަލުގައި ސަރަގޭޓް މަންމައެއްގެ އެހީގައި ދަރިއަކު ހޯދީ އެވެ. މިހާރު ޕްރީތީގެ އުމުރަކީ 46 އަހަރެވެ.

އެމެރިކާގައި ދިރިއުޅުނަސް ކައިވެންޏަށް ފާއިތުވީ ފަސް އަހަރު ތެރޭ ޕްރީތީ މަދުން ނަމަވެސް ހިންދީ ފިލްމުތައް ކުޅެފައި ވެއެވެ. ނަމަވެސް އެއްމާބަނޑު ދެ ދަރިން ލިބުމުން އިތުރަށް ފިލްމީ ދުނިޔޭގައި މަސައްކަތް ކުރާނެތޯ އެއީ ސުވާލެކެވެ.