ދުނިޔެ

އެމެރިކާއިން ޓައިވާނަށް ދިން ޖެޓްފައިޓަރުތައް ދައްކާލައިފި

އެމެރިކާއިން ޓައިވާނަށް ދީފައި ހުރި އަސްކަރީ އެހީތައް، އެފް16 އިގެ 64 ޖެޓްފައިޓަރު ހިމެނޭ ގޮތުން އާންމުކޮށް ދައްކާލައިފި އެވެ.

ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިވެ ބާރުގަދަ ކުރަން އެމެރިކާ ކުރާ މަސައްކަތްތައް ހުއްޓާލަން ޗައިނާއިން އޮތީ ގޮވާލާފަ އެވެ. ޓައިވާން އޮތީ ޗައިނާއާ ވަރަށް ކައިރީގައި ކަމަށާއި އެއީ ޗައިނާއިން ކޮންމެވެސް ދުވަހަކުން އަމިއްލަ ކުރާނެ ރަށެއް ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ޗައިނާގެ މި ގޮވާލުމަށް އެމެރިކާއިން ދެނީ ބީރު ކަންފަތެކެވެ. އެމެރިކާގެ ވިސްނުމަކީ ޗައިނާއާ ދެކޮޅަށް ތެދުވެވޭ ވަރުގެ އަސްކަރީ ގާބިލު ފައުޖެއް ޓައިވާންގައި ގާއިމު ކުރުމެވެ.

އެސޯސިއޭޓް ޕްރެސް ބުނާ ގޮތުން ޓައިވާންގައި މިހާރު ހުރި ޖެޓްތައް އާކޮށް މަރާމާތު ކުރާނެ އެވެ. އަދި އެކަށީގެންވާ ވަރަށް މީހުން ތަމްރީން ކުރާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ޗައިނާގެ ރައީސް މިދާކަށް ދުވަހު އޮންލައިންކޮށް ބައްދަލު ކުރައްވައި ދެއްކެވި ވާހަކާގައި ވެސް ޓައިވާން ހިމެނެ އެވެ. ބައިޑަން ވިދާޅުވީ ޓައިވާން ދިފާއުކުރުމަކީ އެމެރިކާ ކުރާނެ ކަމެއް ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ވަން ޗައިނާ ޕޮލިސީއަށް އެމެރިކާއިން ވެސް ތާއީދެވެ. އޭނާ ވިދާޅުވީ ޓައިވާން އަކީ މިނިވަން ދައުލަތަކަށް ހަދަން އެމެރިކާ ނުވިސްނާ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި ގޮތުގައި، ޗައިނާއާ އެހާ ކައިރީގައި ޓައިވާން ހިންގާ ހަރަކާތްތަކުގެ ސަބަބުން ޗައިނާއަށް ދަތިވެ އެވެ. އަދި ޓައިވާނަށް އޮތް ހައްދު ފަހަނައަޅައި ދާން އުޅެފި ނަމަ ޗައިނާ ހަރަކާތްތެރިވާނެ އެވެ. މާނައަކީ އަސްކަރިއްޔާއިން އެކަމެއް ހުއްޓުވާނެ އެވެ.