ދުނިޔެ

ޓައިވާން މައްސަލާގައި އެމެރިކާއާ ކުރިމަތިލާން ޖެހިދާނެ: ޗައިނާ

ޓައިވާންގެ މައްސަލާގައި އެމެރިގެ އަމަލުތައް ހުރީ ކުރިމަތިލުމަކަށް ނުގޮސް ފަރުޖެއްސޭ ގޮތަށް ނޫން ކަމަށް އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރު ޗިން ގޭން ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ޕަބްލިކް ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވި ޓައިވާން މެދުވެރިކޮށް އެމެރިކާ ކުރަަން އުޅޭ މަސައްކަތަކީ އެމެރިކާ ބޭނުންވާ ހާލަތަށް ޗައިނާ ފެއްތުން ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި ޓައިވާންއާ މެދު އެމެރިކާގެ ވިސްނުން ބަދަލު ނުކޮށްފި ނަމަ އަސްކަރީ ކުރިމަތިލުކަމަށް ދާނެ އެވެ. ޗައިނާ މިހާރު ވެސްް އެކަމަށް ތައްޔާރަށް ކަމަށް ދޭހަވާ ގޮތަށް ވެސް ވިދާޅުވި އެވެ.

ޓައިވާނަކީ މިނިވަން ދައުލަތެއް ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ. ޓައިވާނަށް އޮތް ގޮތަކީ ޗައިނާގެ އެހެން އަވަށްތައް ފަދައިން ޗައިނާއާ ގުޅުން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޗިން ގޭން ވިދާޅުވި ގޮތުން އެމެރިކާ އާއި ބައިވެރިން ޓައިވާނަށް މިނިވަންކަން ހޯދައިދޭން ކުރާ މަސައްކަތައް ހިތްދަތި ހާލަތަކަށް ފެތިދާނެ އެވެ. އޭނާ ވިދާޅުވީ ވަގުތު އޮއްވައި ސަރަހައްދުން ބޯ ދަމައިގަތުމަށް ވުރެ ލުއި ގޮތެއް އެމެރިކާއަށް ނޯންނާނެ އެވެ.

އެމެރިކާއިން ޓައިވާން ގޮވައިގެން އދ. އާ ހަމައަށް ދާން ކުރާ މަސައްކަތްތައް ޗައިނާ ބަލައި ނުގަންނާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. މިނިވަން ދައުލަތެއް ނޫން ގޮތުގައި ޓައިވާނަށް ހައިސިއްޔަތެއް ދީފި ނަމަ މަޝްރަހުގައި ރޯވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާއިން އަދި ވެސް އޮތީ ޑިޕްލޮމެޓިކު ރޮނގުގައި ކަމަށް ސަފީރު ވިދާޅުވި އެވެ. ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅީގައި އެމެރިކާގެ ޝާމިލްވުން އިތުރު ކޮށްފައި އޮތްއިރު ކޮންމެ ވަގުތެއްގައި ވެސް ޗައިނާ ހަމައިން ނައްޓަފާނެ ކަމަށް އެމެރިކާ ހޭވެރިވެ އޮތުން ބުއްދިވެރި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.