ހއ. ހޯރަފުށި

ހޯރަފުށި މަގު ހެދުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

Nov 19, 2021

ނައިބް ރައީސް ފައިސަލް ނަސީމު ހއ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ހއ. ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ކަމަށެވެ.

ކޮވިޑްގެ 19ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެއްވުމަށް ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ތިން އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ތިން އަހަރު ކަމުގައި ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ އެމްޓީސީސީއާއި ފެނަކައިން އިން އެކަނި ކުރިއަށްގެންދާ މަޝްރޫއުތަކަށް ބެލިނަމަވެސް ނުވަތަ ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ މަންޒަރު ފެނިގެންދާ ކަމަށެވެ. ހަމަ އެހެންމެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެ ރަށެއްގައިހެން މަޝްރޫއުތައް ހިންގަމުން ގެންދާ ކަމުގައި ވިދާޅުވި އެވެ.


މީގެ ތިން އަހަރު ކުރިއާ ޚިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ބަސްބުނެއުޅުމާއި ހިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާ ކަމުގައިވެސް ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ އެވެ.

ފައިސަލް ނަސީމު ހއ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހޯރަފުށީގެ އިތުރުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށެވެ.