މި ސަރުކާރުން ހިނގާ ތަރައްގީގެ މަޝްރޫއުތައް ގިނަ ކަމުން އަދަދު ހަނދާން ކުރަންވެސް އުނދަގޫ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ނާއިބު ރައީސް ވިދާޅުވީ ކޮވިޑް19 ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެއްވުމަށް ކަމަށެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ތިން އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ތިން އަހަރު ކަމަށް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ އެމްޓީސީސީ އާއި ފެނަކައިން އިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކަށް ބެލި ނަމަވެސް ނުވަތަ ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދާތަން ފެނިގެންދާނެ ކަމަށެވެ.
"ޕްރޮޖެކްޓްތައް ހިނގާތަން މި ފެންނަނީ ހަމައެކަނި ހިކިފަސްތާކު ނޫން. އަޅުގަނޑުމެންގެ އިސްކޮޅު ނުޖެހޭ ފަޅުތަކުގައިވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އުތުރުން ދެކުނަށް ބޮޑެތި މަޝްރޫއުތައް ހިނގާ މަންޒަރު. އާދެ، މިއަދު ދިވެހި ރައްޔިތުން ބަލަންވީ ޒަމާނުއްސުރެ ފެށިގެން އެއީ އަޅުގަނޑުމެންގެ އާދައެއް ކަމުގައި ދެކިފައި މި އޮތީ ކުދި އާބާދީތައް ކުށް ރަށްތައް ތަންކޮޅެއް އެއް ފަރާތަށް ޖައްސާލުން. އާދެ، މިއަދުގެ ރަައީސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަމަކީ، ދިވެހި ރައްޔިތުން ފާހަގަކުރައްވާ ކަމަކީ ތަފާތުކުރުމެއް ނެތި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެން މަސައްކަތްތައް ކުރުން. އާދެ، އަޅުގަނޑުމެންނަށް ރައީސް ފާހަގަކުރެވެނީ ރައްޔިތުންގެ ރަހުމަތްތެރިއެއްގެ ގޮތުގައި. މިއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މި ގައުމު ނުދެކޭ ފަދަ ބޭފުޅެކޭ،" ރައީސަށް ތައުރީފު ކުރައްވާ ނާއިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
އަޅުގަނޑަށް ހަނދާންކުރަން އުނދަގޫ ޕްރޮޖެކްޓްތަކުގެ އަދަދު ގިނަވީމަ. މަދު ނަމަ ވަރަށް ފަސޭހަވާނެ ހަނދާން ކުރަންފައިސަލް ނަސީމް | ރަައީސުލްޖުމްހޫރިއްޔާގެ ނާއިބު
ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ އެވެ.
ފައިސަލް ނަސީމު ހއ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހޯރަފުށީގެ އިތުރުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށެވެ.