ހަބަރު

އެއާޕޯޓު ހުޅުވަން ރައީސް މިއަދު ހޯރަފުއްޓަށް

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހޯރަފުއްޓަށް ވަޑައިގަންނަވާނެ އެވެ.

އެ މަނިކުފާނުގެ ހޯރަފުއްޓަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު 11:00 ގައެވެ. މިއީ ކޮވިޑް-19 އިގެ ތެރޭގައި މީހުން ދިރިއުޅޭ ރަށަކަށް ރައީސް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ހޯރަފުށީ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވަން ނިންމައި ރައީސް ސޯލިހު އެރަށަށް ވަޑައިގަތުމަށް ނިންމާފައިވަނީ މިދިއަ އަންގާރަ ދުވަހެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ދަތުރުފުޅު ފަސްކުރީ އެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީކުރި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިއަ ހޯމަ ދުވަހުގެ ހެނދުނު އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުއާ މި ސަރުކާރުން ހަވާލުވެ މަސައްކަތުގައި އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީކޮށްފައި ވެއެވެ. އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.