ސްޓެލްކޯ

އޭޝިއާގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް މުޣުނީއަށް

އޭޝިއާ ބައްރުގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގެންފި އެވެ.

މުޣުނީއަށް ލިބިވަޑައިގެންފައިވަނީ އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021 "ގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް އެވޯޑު އެވެ.

އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑު ދިވެއްސަކަށް ލިބުނު މިއީ ފުރަތަަމަ ފަހަރެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާރ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަރސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފައި ވެއެވެ.

މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިއާއި އަޅާބަލާއިރު ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައިގެންގޮސްފައިވާ ސްޕީޑާއި ގުޅިގެން ނެވެ.

މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑާ އޮފް ދި އިޔާ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިން ލީޑާ އޮފް ދި އިޔާ"ގެ އެވޯޑްވެސް ލިބިވަޑައިގެންފަ އެވެ.