ވާހަކަ

ނިވެމުންދާ ބައްތި

(ވާހަކަ މެދުކެނޑުނު ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މައާފަށް އެދެން. މިއީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ބަޔާ ގުޅޭ.)

ސައުންގެ ނޭވާގެ ހޫނުކަމާ އެކު ހިތުގެ އެންމެ ހިމަނާރަށް ބުނަން ނޭނގޭ އަސަރެއް ކުރުވަމުން ދިޔައެވެ. ސައުން ވާހަކަ ދައްކަން ފެއްޓިއެވެ.

"ކިހިނެއްވީ ދުރަށް ތިޔަ ޖެހުނީ އަހަރެންނަކީ އާލިޔާއަށް އެނގޭނެ ފަދައިން މުޑުދާރު ވިސްނުމުގެ މީހެއް ނޫން. އާލިޔާގެ ފުށުން ނާ ޖާއިޒު ފައިދާއެއް ލިބިގަންނަށް ބޭނުމެއް ނުވޭ. ތިޔަ އަތުގެ ހިމާޔަތާއި ރައްކާތެރިކަން އަބަދަށް ބޭނުންވާކަން ހާމަކުރަން މިއަދު އަހަރެން ފަސްޖެހޭކަށް ނެތީން"

މިހެން ބުނެ އާލިޔާގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ. މިފަހަރު އާލިޔާއަށް އެ އަތް ދަމައިގަންނަށް ދަތިވިއެވެ. ހިތް ބުނަމުން ދަނީ ސައުންގެ އަތުގައި ހިފުމަށެވެ. އެކަމަކު ޟަމީރު އެ ކަމާ ދެކޮޅު ހަދަމުން ދިޔައެވެ. އެހެން ނަމަވެސް ނަފުސުގެ މައްސަށް ޒަމީރަށް ބާރު ނުފޯރުވުމުގެ ނަތީޖާ އަކަށްވީ ސައުންގެ އަތު ތެރޭގައި އާލިޔާ ޤައިދު ވުމެވެ.

ސައުން: "ތެދު ތެދަށް އެއްޗެއް ބުނާ ނަމަ އަހަރެންނަށް އާލިޔާގެ ވަރަށް ގިނަ ސިފަތައް ކަމުދޭ. އެހެން މުއައްޒަފުންނަށް ވުރެ ގާތް ގޮތެއް އާލިޔާ މެދު ބެހެއްޓެމުން އައީ އަހަރެންގެ ހިތް އެ ކަމަށް ދޭ ތަރުހިބެއްގެ ބޮޑުކަމުން. އާލިޔާއާ ބައްދަލުވުމުގެ ކުރިން ފެށިފައިވާ ކައިވެނި އަހަރެންގެ ހިތާ ޒަމީރަށް ބާރު ނުފޯރުވާ ނަމަ އަހަރެންނަކީ ވެސް އެހެން ޒުވާނުން ފަދައިން ލާހޫރޭ ދިރި އުޅުމެއް އުޅޭ ބިޓިން މީހުންގެ ލިސްޓްގައި ގުނިގެން ދާނެ މީހެއް. އާލިޔާ އަށް ނޭގި ވަގަށް އަހަރެން ދިޔައީ އަހަރެންގެ ދިރި އުޅުމުން ލިބޭ ހިތް ދަތި ކަމާއި ހުސްކަމުގެ މިތުރަކަށް އާލިޔާ ހަދަމުން. ތިޔަ ސޫރައާއި ތިޔަ ވަފާތެރި ކަމާއި ސާދާ ކަމުގެ ސަބަބުން އަހަރެންގެ ހިތުގެ އެއް ކަނުގައި ވަނީ އާލިޔާއަށް ޓަކައި ޖާގައެއް ހުސްކުރެވިފައި. މިޝްކާގެ ފުށުން ލިބެމުން ދިޔަ ވޭން ތަކުގެ ފަރުވާ އަކީ އާލިޔާކަމުގައި އަހަރެންގެ ހިތް ބުނެދެމުންދާތާ ކިތަންމެ ދުވަހެއް. މިހިތުގެ ވިންދު ނުހުއްޓި ހިނގުމުގެ ބާރަކީ ވެސް ތިޔައީ އެހެން ބުނެ އާލިޔާގެ ދަތް ދޮޅީގައި ހިފާ އުފުލާލި"

އަދި ނިވެމުންދާ ހަޔާތުގެ ބައްތި އަލުންދިއްލާއިދިނުމަށް އެދުނެވެ.

އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

ސައުން: ނުފެނިދާ ކޮންމެ ސިކުންތަކާ އެކު މޭގެ ތެޅުން އިތުރު ކުރުވާ. މި އިހުސާސްއާ މިޖަޒުބާތަށް އިތުރު ނަމެއް ދޭ ނަމަ އަހަރެންނަށް މި ވެވެނި ލޯބިކަމާ މެދު ވިސްނަށް މި ވަނީ މަޖުބޫރުވެފައި. އަހަރެންނަކީ ބޭވަފާތެރި އަކަށް ވާން ބޭނުން ނުވާތީ ވަފާތެރި ފިރިއެއްގެ ގޮތުގައި މިހާތަނަށް ހަނު ހިމޭނުން މިހުރީ. އެހެން ނަމަވެސް އެކަމުން ކުރި ފައިދާއެއް ނެތް. އަމިއްލަ ޖަޒުބާތު ތަކުގައި އަތް އަޅައިގެން މިހެން އަނިޔާ ލިބި ލިބި މިހިތް ފިސްފިސްވެ އެންމެ ފަހު ވިންދު ހުއްޓެން ގާތް ވެއްޖެ. އެހެން ބުނުމާ އެކު އާލިޔާއަށް ބޭއިޙުތިޔާރުގައި ސައުންގެ ދެތުން ފަތުގައި ޝަހާދަތް އިނގިލި ޖައްސާލެވުނު.

އާލިޔާ: ސައުން މޮޔަ ނުގޮވާ ދުނިދޭ ފިލާވަޅު ތަކުން އިބުރަތް ލިބިގަނޭ . ފިނޑި މީހެއްގެ ގޮތުގައި މާޔޫސްނުވޭ! ހިތް ވަރު ކޮށްފައި އަލުން އާފެށުމަކުން ފަށާން ވިސްނާ! ދެ މީހުންގެ ދެމެދުގައި ގެއްލުނު އިތުބާރު އާލާކުރުމަށް މަސައްކަތް ކުރޭ! މިހާރު ވެސް ތީޔައީ މީހެއްގެ ފިރިއެއް ދެކުދިންގެ ބައްޕައެއް އެ ކުދިންނަށް ޓަކައި ތިޔަ ވިސްނުން ބަދަލު ކުރޭ!

އާލިޔާ އެހެން ބުނުމާ އެކު ސައުން ކުޑަ ކުއްޖެއް ފަދައިން ބޮޑާހާކައި ރާގުގައި ބުންޏެވެ. "ނޫން އާލިޔާ ތިޔަހެން ނުބުނޭ ހާލަތު މިހާރު އަހަރެންނަށް މަޖުބޫރު ކުރަނީ މިޝްކާ އާއި ވަކިވުން އެއީ އަހަރެންގެ ހަޔާތުގައި ނިންމާ އެންމެ ރަނގަޅު ނިންމުން ކަމުގައި. އަދި އަހަރެންގެ ހަޔާތަށް އާލިޔާ ގެންނަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައި. ހުރިހާ ގޮތަކުން ވެސް އަހަރެންގެ ދިރި އުޅުމާއި އެންމެ ގުޅޭ ބައިވެރިއަކީ އާލިޔާ. ތިޔައި އަހަރެންގެ ނިވެމުން މިދާ ހަޔާތުގެ ހުޅުކޮޅު ނިވުނަ ނުދިނުމަށް ބޭނުންވާ ހަކަތަ.

އާލިޔާ: ސައުންގެ ވިސްނުން ބަދަލު ނުވާނެ ކަން އެނގުމުން މޫނު އަނެއް ފަރާތަށް އަބުރާލިއެވެ. އަދި އެތަނުން ދާން ބޭނުންވިއެވެ. އެހެން ނަމަވެސް ސައުންގެ އަތްދޮށުން ސަލާމަތް ވެގެން އާލިޔާ އަކަށް ނުދެވުނެވެ. ދާން ގަދަ ހެދުމާއެކު އަތުގައި ހިފާ ގަޔާ ގާތަށް ކުރިއަށް ވުރެ ބޮޑަށް ދަމާލިއެވެ. ލޮލާއި ލޯ ސީދާވެ، ހޫނު ނޭވަޔާ އެކު ޒުވާންކަމުގެ ޝަރުބަތުގެ އާރުން އޮހޭ މަސްތުގައި ޖެހެވި، ހަފުސް ވެވުނެވެ.

ދެކޮޅު ހެދުމުގެ ހިތްވަރެއް އާލިޔާ އަކަށް ނުލިބުނެވެ. އަދި ސައުންގެ ތަނަވަސް މޭމަތީގެ ހިމާޔަތް ލިބި ހަނުހިމޭން ވެވުނެވެ. ހޫނު ނޭވާޔާ އެކުވެ، ސައުންގެ ގައިން ދުވަމުން ދިޔަ ސެއްޓުގެ ވަހާ އެކު އާލިޔާގެ ހުރިހާ ހިއްސެއް ގަނޑު ކުރުވަމުން ދިޔައެވެ. މަޑުމަޑުން އާލިޔާގެ ދެއަތް ސައުންގެ މެދުހަށްޓާލައި ވަށާލެވުނެވެ. އެ ބީހުމުން އުފެދިގެން ދިޔަ ޖަޒުބާތުގައި ކޮންޓުރޯލުން ނެއްޓި ހިތުގެ އެދުމަށް ލޯބީގެ ހައިހޫނުކަން ފިލުވަމުން ދިޔައެވެ. ސައުން އާލިޔާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އާލިޔާގެ މޫނާ ހަތަރު ކަޅި ހަމަކުރަމުން ޝުކުރުވެރި ކަމުގެ ބެލުމަކުން ބަލާލިއެވެ. އެ ވަގުތު އޮފީހުގެ އެހެން މުވަށްޒަފަކު ޓަކިޖެހުމެއް ނެތި ކެބިންގެ ތެރެއަށް ވަދެގެން އަންނަތަން ފެނި ދެ މީހުނަށް ދުރަށްޖެހި ލެވުނެވެ. ދެ މީހުންނަށް ލިބުނީ ސިހުމެކެވެ.

ވަދެގެން އައި މުއަށްޒަފު ކުރިޔަށް އެޅި ފިޔަވަޅު ފަހަތަށް އަޅަމުން "ސޮރީ ސޮރީ" އޭ ގޮވަމުން ވައި ސޫރިއެއް ހެން ނުކުމެގެން ހިގައްޖެއެވެ. އާލިޔާ ވަރަށް ކަންތަން ބޮޑުވިއެވެ. ލަދުން ގޮސް މަރުވާވަރު ވިއެވެ. ހަޔާތުގައި މިހާ ހިސާބަށް އައި އިރު މިކަހަލަ އެއްވެސް މަންޒަރެއް އެހެން މީހަކަށް ފެނިފައި ނުވާނެއެވެ. ވުމާ އެކު ސައުންގެ އެ އަމަލާ މެދު ނަފުރަތު ވެވުނެވެ.

ހިތާ ހިތާ ކުދި ކިޔެމުން ދިޔައެވެ. އޭރު ވެސް ޒަމީރު މަލާމާތް ކުރަމުން ދިޔައެވެ. ގެއްލިދާ އަބުރެއް ހަޔާތުގައި ދެން ނުލިބޭނެ ކަން ވިސްނައި ދެމުންނެވެ. އެހެން މީހެއްގެ ފިރިއެއްގެ މުށު ތެރޭގައި ވަނިކޮން ދެވަނަ ފަރާތަކަށް ފެނުނީމައެވެ. ސައުން އެ ވަނީ ލޯބި ނޫން ކަމަށް ޒަމީރު ބުނަމުން ދިޔައެވެ. ހާލުގައި ޖެހިފައި ވާ މުސާފިރަކަށް އެހެން މީހެއްގެ އަޅާލުމާއި ހަމްދަރުދީ ދިނުމަކީ އޭނަގެ ހަޔާތުން ޖާގަ ދޭން ޖެހޭ ވަރު ކަމެއް ކަމަކަށް ޒަމީރު އެއްބަހެއް ނުވިއެވެ. ނަމަވެސް ހިތް އެދެނީ ސައުންގެ ލޯބީގައި ދީވާނަ ވުމަށެވެ. އާލިޔާގެ ފުށުން ސައުން ބޭނުން ވަނީ ހަމްދަރުދީއެވެ. އެހީތެރިކަމެވެ. އަޅާލުމެވެ. އެ އަށް ލޯބި ނުކިޔޭނެ ކަމަށް އާލިޔާގެ ވިސްނުން ބުނެ ދެމުން ދިޔައެވެ. ވުމާ އެކު މިކަމުގެ ތެރެޔަށް އިތުރަށް ނުވަދެ މިކަމުން ސަލާމަތް ވެވޭނެ ގޮތަކާއި މެދު ވިސްނަމުން ދިޔައެވެ.

ކުއްލިއަކަށް އާލިޔާ ރޯން ފެށިއެވެ. އަދި އެތަނުން އެނބުރި ގޮސް އާލިޔާގެ ކެބިންގެ ފާހާނަޔަށް ވަދެ ހުރެ ހިތް ފުރެން ދެން ރުޔެވެ. އޮފީހުގެ ގަޑި ނިމިގެން އެހެން އެންމެން ދަންދެން މަޑުކުރީ އެމީހުންގެ ކުރިމައްޗަށް ދާހާ ހިތްވަރު ނެތީމައެވެ. އެންމެ ފަހުން އެންމެން ދިޔަކަން ޔަޤީންވުމުން ބާރު ހިންގުމުގައި ގެއަށްދާން ހިންގައި ގަތެވެ. ސައުންގެ އޮފީހަށް އަދި އެދިރި އުޅުމަށް އެނބުރި ނައުމަށް އަޒުމު ކަނޑަ އަޅައިގެން އެންމެ ފަހު ފިޔަވަޅު އޮފީހުން ބޭރަށް އެޅުމަށްފަހު އޮފީހާ ދިމާލަށް ވަދާއި ބެލުމަކުން ބަލާލިއެވެ. އޭރު އާލިޔާގެ ދެލޮލުން ކަރުނަ ނިރާލަ ނިރާލައި ހުއްޓެވެ. އަދި އެވަގުތު އޮފީހުގެ ދެވަނަ ފަންގެ ފިލާގައި ކުޑަދޮރުން އާލިޔާ ދާތަން ބަލަން ސައުން ހުރިތަން ފެނުމުން ވަކިން ބާރަށް ހިނގާފައި ގޮސް މަގު ހުރަސް ކުރިއެވެ.

ޖެހިގެން އައި ދުވަހު އާލިޔާ އޮފީހަކަށް ނުނިކުމެއެވެ. ތުން ތުން މަތިން އޮފީސް ތެރޭގަ ވައި ގައި ހިފާފަ އޮތް އެއް ވާހަކަ އަކީ ސައުންއާއި އާލިޔާގެ ވާހަކައެވެ. އެ ދުވަހު ކޮޓަރިޔަށް ވަން ކުއްޖަކީ ބަސް ގިނަ ދޫވެސް ދިގު ކުއްޖެކެވެ. އެޑުމިން ބައިގައި މަސައްކަތް ކުރާ ނައުފާ އަކީ އަބަދުވެސް އާލިޔާއާ ސައުންގެ ގުޅުމާއި މެދު ޝައްކު ކޮށް މިޝްކާއަށް އޮފީހުގެ ޚަބަރުތައް ރިޕޯޓު ކޮށްދޭ ރިޕޯޓަރެކެވެ. ނައުފާ އޮފީހަށްވަނީ ވެސް މިޝްކާގެ އެހީތެރިއެއްގެ ގޮތުގައި ސައުންނަށް ފާރަލުމަށް މިޝްކާ ބުނެގެންނެވެ.

އެކަން ސައުންނާ އާލިޔާ އަކަށް ނޭނގެއެވެ. ނަމަވެސް އެ އޮފީހުގައި އުޅޭ އެހެން ކުދިންނަށް އެކަން ކޮންމެސް ވަރަކަށް އެނގެއެވެ. އަދި ނައުފާ އެދުވަހު އޮފީހުގައި ފެތުރި ވާހަކަތައް ގަބޫލު ނުކުރެވުނު އެކަކީ ނަވާލުއެވެ. ނަވާލުއަށް އެކަން ގަބޫލު ކުރަން ދަތިވިއެވެ. ނަވާލަކީ އާލިޔާގެ އިތުރުން ސައުންގެ ގިނަ ކަންކަމުގައި އެހީވެ، އަދި އަމިއްލަ ވާހަކަތައް ޙިއްޞާކުރާ އެކަކެވެ. އެފަދަ ކަމެއް ހިނގަމުންދާ ނަމަ ނަވާލުއާއި ކޮންމެސް ވަރަކަށް އެވާހަކަތައް ހިއްޞާކުރާނެ ކަން ނާވާލު ދަނެއެވެ. ވުމާއެކު ސައުންގެ ކިބައިން ހަޤީގަތް ދެނެގަތުމަށް ބޭނުން ވާތީ ފޯނުކުރިއެވެ. އެ ވަގުތު ސައުން އޭނަގެ ކެބިންނަށް ނަވާލު އައުމަށް އެދުނެވެ. ނައުފާ އޮފީހުގައި ފަތުރައިގެން އުޅޭ ވަހަކަތަކާ މެދު ސުވާލުކުރަން ފަށާނެ ގޮތަކާ މެދު ނަވާލު ވިސްނަމުން ދިޔައެވެ. ކެބިންގެ ތެރެއަށް ވަދެ ސައުންގެ ކުރީމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

ސައުން: "ކިހިނެއްވީ ނަވާލު؟ ޗުއްޓީއެއް ދޭންވީތަ؟ ނޫނީ އީދުޗުއްޓީއަށް ރަށަށް ދާންވީތަ؟"

ނަވާލު ފުރުސަތުގެ ބޭނުން ކޮށް "ޗުއްޓީއެއް ވެސް ބޭނުން އެކަމަކު މިއަދު މިއައީ އަދި އެކަމަކާއި ނޫން. ކަމެއް ސާފުކޮށްލަން."

ސައުން: "އެއީ ކޮންކަމެއް އަވަހަށް ބުނޭ!"

ނަވާލު: "އާލިޔާ ކޮބައިތޯ؟"

ސައުން: "އާލިޔާ ނާދޭތަ؟ އަދި ބަލައި ނުލާ މިއުޅެނީ "ގަސްތުގައި" މިފަހަރު ސައުން ދޮގެއް ހެދިއެވެ. ކިހިނެއްވީ އާލިޔާ ތިހޯދަނީ އޭނަވެސް އީދަށް ތިޔަ ރަށަށް ގެންދަނީތަ؟"

ނަވާލު: "އާލިޔާ ވެސް މިހާރަކު ނުދާނެ ނޫންތޯ ސައުންގެ ހުއްދަ ނެތިހެއް."

ސައުން: "އާނ! މިހާރު މާބޮޑަށް ވެސް ސާފު ވެއްޖެ ނަވާލުގެ އަސްލު މަޢުޟޫއަކީ ކޮބައިކަން. ނައުފާ އަނެއްކާވެސް އާވަހަކައެއް ފަތުރާލީ ދޯ! ކީކޭތަ އޭނަކިޔަމުން ދަނީ."

ނަވާލު: "މާބޮޑު އެއްޗެއް ނުކިޔާ ސައުންގެ ކެބިންގެ ތެރެއިން ލައިލާއާއި މަޖުނޫނެއްގެ ބޫތު ފެނުނީ އޯ! އެކަހަލަ ވާހަކަތަކެއް ކިޔަނީ. އެހެން ނޫނަސް އަންހެން ވެރިން ވާހަކައެއް ވިއްޔާ ފަތުރަނީ އެއަށް ރަހަ ހެޔޮވަރު ކުރާނެ ހުރިހާ ބާވަތެއް އެއްކޮށްގެންކަން ސައުންނަށް ވެސް އެނގޭނެ. އަސްލު މިއައީ އެއީ ތެދެއްތޯ އަހާލަން ކަމަށް. އާލިޔާ ވެސް އޮފީހަށް ނައުމާ، ނައުފާގެ އެ ވާހަކަ ތަކުގައި ކޮންމެ ވެސް ހަޤީގަތެއް މިފަހަރު ވާހެން ހީވާތީ."

ސައުން: "ނައުފާއަށް ފެނުނު މަންޒަރު މިފަހަރު އެއީ ހަޤީގަތެއް އެހެން ނަމަވެސް އަދި މި ދެމެދުގައި އެއްވެސް ގުޅުމެއް ނެތް. އެކަމަކު މިފަހަރު ހަޤީގަތަކަށް މިކަން ހަދަން ބޭނުން މިކަމުގައި ނަވާލުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން"

މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ބައި: