ޝާހް ރުކް ހާން "ކިންގްސް އޮފް ރޮމޭންސް" ގެ ގޮތުގައި ފިލްމު އިންޑަސްޓްރިގައި މަޝްހޫރުވެފައި ވެއެވެ. އޭނާގެ ފޭނުންނާއި އެކުގައި މަސައްކަތްކުރާ އެކްޓަރުން ގަބޫލުކުރާ ގޮތުގައި ޝާހް ރުކް އާ އެއް ފެންވަރަށް ލޯބިގެ މަންޒަރުތައް ކުޅެލެވޭނެ ދެ ވަނަ އެކްޓަރަކު ނެތެވެ.
ބޮލީވުޑްގައި ޝާހްރުކް މަސައްކަތް ކުރާތާ 29 އަހަރު ފުރި 30 ވަނަ އަހަރަކަށް އަޅައިގެންފާއިވާއިރު ވަރަށް ގިނަ ހިތްގައިމު، ރީތި ލޯބީގެ ފިލްމުތަކެއް އޭނާ ވަނީ މި ދުވަސްތަކުގައި ކުޅެފަ އެވެ.
އޭނާގެ ބައެއް ލަވަތަކާއި ޑައިލޯގްތައް އަދި ކެރެކްޓާތައް އެތައް ޒަމާނެއް ވިޔަސް ބެލުންތެރިން ހަނދާން ނުނެތޭނެ އެވެ.
ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ޝާހް ރުކް ގެންގުޅޭ ބައެއް އާދަތަކަކީ އެއްގޮތަކަށް ވެސް ފޭނުން ހަނދާން ބަހައްޓަން ރަނގަޅު އާދަތަކެއް ނޫނެވެ. ސަބަބަކީ އޭނާގެ ގިނަ އާދަތަކަކީ ވަރަށް ގޯސް އަދި އެއްގޮތަކަށް ވެސް އެކަންކަން ކުރަން ނުވާ ވަރުގެ އާދަތަކަށް ވާތީ އެވެ.
ފިލްމު ފެއާގައިވާ ރިޕޯޓެއްގައި ޝާހް ރުކް ގެންގުޅޭ ބައެއް ގޯސް އާދަތައް ފާހަގަ ކޮށްފައި ވެއެވެ.
އެގޮތުން ފާހަގަ ކޮށްފައިވާ ފުރަތަމަ އާދައަކީ ގަޑިޖެހިގެން ޝޫޓިންގްތަކަށާއި ތަންތަނަށް ދިއުމެވެ. ގަޑިއަކަށް ތަނަކަށް ދާން އޮތް ނަމަވެސް އެ ތަނަކަށް ޝާހްރުކް އާދަކޮށް ދަނީ ހަތަރު ފަސް ގަޑިއިރު ފަހުން ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ޝާހްރުކް އަކީ އެއްވެސް ކަމެއް އޮގަނައިޒްކޮށް ކުރާ މީހެއް ނޫން ކަމަށާއި އޭނާ ކުރާ ހުރިހާ ކަމެއް ވެސް ހުންނާނީ އެއްވެސް އިންތިޒާމެއް ތަރުތީބެއް ނެތިކަމަށް ވެސް މި ލިޔުމުގައި ވެއެވެ. އަދި ޚުދް ޝާހް ރުކް ވަނީ މިއީ ވަރަށް ބޮޑު ތެދެއް ކަމަށް އެއްބަސް ވެފަ އެވެ.
ޝާހް ރުކް ދުވާލަކު މަދުވެގެން 30 ތަށި ކަޅު ކޮފީ ބޮއެވެ. އަދި ހެނދުނުގެ ނާސްތާ އެއްގޮތަކަށް ވެސް ނުކުރެ އެވެ. އަދި ކައި އުޅޭ ހުރިހާ ކެއުމަކާއެކު ވެސް ކުކުޅު މަސް ކައެވެ.
ޝާހް ރުކް އަކީ ވަރަށް ލަހުން ނިދާ މީހެކެވެ. އަދި ލަހުން ނިދިޔަސް ނިދަނީ ވަރަށް މަދު ގަޑިކޮޅަކު އެވެ.
ދުވާލު ހަތަރު ދަމު އޭނާ ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ހުލި ކުރަމުން ގެންދެ އެވެ. އަދި އޭނާ އަކީ ވީޑިއޯ ގޭމް ކުޅުމަށް ވަރަށް ލޯބިކުރާ މީހެކެވެ. ދުވާލުގެ ކޮންމެވެސް ވަގުތެއް އޭނާ ވީޑިއޯ ގޭމް ކުޅެން ހުސް ކުރެ އެވެ.
ޝާހް ރުކްގެ އާދަތަކުގެ ތެރެއިން އެންމެ އަޖައިބު އެއް އާދައަކީ ފާޚާނާގައި ގިނަ އިރު ހޭދަ ކުރުމެވެ. ޝާހް ރުކް ފާޚާނާއަށް ވަދެއްޖެނަމަ އެތައް ގަޑިއިރެއް ފަހުން ނޫނީ ނުނިކުންނަ ކަމަށް ވެއެވެ. އޭނާ ބުނާ ގޮތުންނަމަ ހަމަޖެހިލައިގެން އިނދެ ވިސްނާލާނެ ފުރުސަތު އެންމެ ރަނގަޅަށް ލިބެނީ ފާޚާނާގައި އިންނައިރު އެވެ.