ދުނިޔެ

ކަމަލާ ހެރިސް: އެމެރިކާގެ ރައީސްކަމުގައި އެއްގަޑި 25 މިނެޓް

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނައިބު ރައީސް، ކަމަލާ ހެރިސް މިހާރު ވެސް ހުންނެވީ ތާރީހު ލިޔުއްވައިގެނެވެ. އެމެރިކާގައި އެންމެ ފުރަތަ ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ކަނބަލަކީ ހެރިސް އެވެ.

އެމެރިކާގައި ދުވަހަކު ވެސް ކަޅު ނަސްލުގެ ކަނބަލަކު ނައިބު ރައީސްކަން ކުރައްވާފައެއް ނުވެ އެވެ. މި ޝަރަފު ވެސް ހޯއްދަވާފައި ވަނީ ކަމަލާ ހެރިސް އެވެ. އިންޑިއާ-އެމެރިކާ ދަރިކޮޅަށް ނިސްބަތް މީހެއްގެ ހައިސިއްޔަތުން އެމެރިކާގެ ނައިބު ރައީސްކަން ލިބިވަޑައިގެންފައި ވަނީ ވެސް އެކަމަނާއަށެވެ.

ޖޯ ބައިޑަންގެ މެޑިކަލް ޓެސްޓެއް ހެއްދެވުމަށްޓަކައި ޑޮކްޓަރުންގެ ޓީމުން ކުރިއާލައި ތާވަލްކޮށްފައި އޮތް ގޮތަށް އިއްޔެ އެމަނިކުފާން ހޭނައްތަން ޖެހުނެވެ.

ނައިބު ރައީސުންނަށް އޮންނަ ވާޖިބުތަކުގެ ތެރޭގައި، މަގާމުގެ ވާޖިބުތައް އުފުލަން ރައީސް ނުކުޅެދުންތެރި ވެއްޖެ ހާލަތެއްގައި، ރައީސްގެ ވާޖިބުތައް އުފުއްލެވުމުގައި ނައިބު ރައީސް ހުންނަވަން ޖެހެ އެވެ. މިގޮތަށް ހުންނެވުމުގައި އެ ހުންނެވެނީ ވަގުތީ ރައީސްގެ މަގާމުގަ އެވެ.

ކަމަލާ ހެރިސްއަށް އިއްޔެ އެމެރިކާގެ ރައީސްކަން ވަގުތީ ގޮތުން ވަނީ ލިބިވަޑައިގެންފަ އެވެ. އެކަމަނާ ރައީސްކަމުގެ މަގާމުގައި ދެމިހުންނެވީ އެއްގަޑި 25 މިނެޓް ވަންދެންނެވެ. މިއީ ވެސް ކަމަލާ ހެރިސް ހެއްދެވި ރެކޯޑެކެވެ.

މެޑިކަލް ޓެސްޓަށް ފަހު ބައިޑަން މިހާރު މުޅިން ރަނގަޅު ކަމަށް ވައިޓް ހައިސްއިން ބުނެ އެވެ. މެޑިކަލް ޓީމުން ވެސް ބުނީ ރައީސްކަމުގެ މަގާމުގައި ދެމިހުންނެވުމަށް ބައިޑަންއަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ޑޮލްޓަރުންގެ ޓީމުން ބުނީ ބައިޑަންގެ ކަރުތެރި ސާފުކުރި ކަމަށާއި ވާހަކަ ދެއްކެވުމުގައި ދެތިން ދުވަސް ވަންދެން ތާށިކަމެއް ހުރެދާނެ ކަމަށެވެ. ކަރު ތެރޭގައި ރިހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.