ދިރާގު

އެންމެ ގިނައިން ޑިވިޑެންޑް ދައްކަނީ ދިރާގުން

Nov 20, 2021

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިހާރު އެންމެ ބޮޑު ޑިވިޑެންޑް [ފައިދާ] އެއް ދައްކާ އެއް ކުންފުންޏަކީ ދިރާގު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދިރާގުން މިދިޔަ އަހަރު 226 މިލިއަން ރުފިޔާ ސަރުކާރަށް ޑިވިޑެންޓުގެ ގޮތުގައި ދައްކާފައިވެ އެވެ. މި އަހަރު 229 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އަދި އަންނަ އަހަރު މި އަދަދު 234 މިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު 2023 ވަނަ އަހަރު ދިރާގުން 239 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 244 މިލިއަން ރުފިޔާ ދައްކާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުން މި އަހަރު ސަރުކާރު ކުންފުނިތަކުން ދެއްކި ޑިވިޑެންޑުގެ 39.5 ޕަސެންޓަކީ ދިރާގުން ދެއްކި ޑިވިޑެންޑެވެ. އަދި މިދިޔަ އަހަރު ޑިވިޑެންޑުގެ 70 ޕަސެންޓް އެ ކުންފުނިން ހިއްސާ ކުރި އެވެ.

ދިރާގުގެ އިތުރުން މި އަހަރު ދެން އެންމެ ބޮޑު ފައިދާއެއް ސަރުކާރަށް ދައްކާފައިވަނީ އެމްއޭސީއެލް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.

މި އަހަރު އެންމެ ގިނައިން ޑިވިޑެންޑް ދެއްކި ކުންފުނިތައް

  • ދިރާގު 229 މިލިއަން
  • ބީއެމްއެލް 128 މިލިއަން
  • އެމްއޭސީއެލް 57 މިލިއަން
  • އެސްޓީއޯ 57 މިލިއަން
  • އެމްޑަބްލިއުއެސްސީ 30 މިލިއަން
  • އެޗްޑީއެފްސީ 21 މިލިއަން
  • ސްޓެލްކޯ 21 މިލިއަން
  • އެމްޓީސީސީ 15 މިލިއަން

ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ތެރެއިން ސަރުކާރަށް ޑިވިޑެންޑް ދައްކަމުން ދަނީ އެވްރެޖްކޮށް 10 ކުންފުންޏަކުންނެވެ. މީގެ ތެރެއިން ވެސް ޑިވިޑެންޑްގެ 50 ޕަސެންޓަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ތިން ކުންފުންޏެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި އަހަރު 582.2 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. އަދި އަންނަ އަހަރު 749 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.