ރާއްޖެ ކުޅިވަރު

ފައިސާ ނުލިބިގެން ދައުވާ ކުރަން ޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށް: އަންވަރު

ޕްރެޒިޑެންޓްސް ކަޕް ކުޅެން ނިއުރޭޑިއަންޓް އައްޑޫގައި ތިބިއިރު އެކޮމޮޑޭޝަނާއި ކެއުމާއި ސަޔަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ދައުވާ ކުރަންޖެހޭނީ އޭނާއާ ދެކޮޅަށް ނޫން ކަމަށާއި އެއީ ކުލަބާ ދެކޮޅަށް ކުރަންޖެހޭ ދައުވާއެއް ކަމަށް ނިއުރޭޑިއަންޓް ފުޓްބޯޅަ ޑިރެކްޓަރ އަންވަރު އަލީ ބުނެފި އެވެ.

އޭނާ މިހެން ބުނީ އައްޑޫގައި ނިއުރޭޑިއަންޓަށް އެކޮމޮޑޭޝަނާއި ކެއުމާއި ސައި ހަމަޖައްސައިދިން ފަރާތް ކަމަށްވާ ހިތަދޫ، ސްކައި، އަހްމަދު ސައީދު(ސޮޑާ) އަށް ލިބެންވާ ފައިސާ ނުލިބިގެން އޭނާ އަންވަރު ގޮވައިގެން ކޯޓަށްދާން ނިންމުމުންނެވެ. ނިއުގެ 30 ކުޅުންތެރިންނާއި އޮފިޝަލުންގެ އެކޮމޮޑޭޝަނަށް ސައީދަށް 129000ރ. ލިބެންޖެހެ އެވެ.

"އިއްޔެ ވެސް ސައީދާ ވާހަކަ ދެއްކިން ތިކަމާ. އަޅުގަނޑު ބުނިން ނިއުރޭޑިއަންޓް ގޮވައިގެން ކޯޓަށްދާށޭ. އެއީ މިހާތަނަށް ސައީދަށް ދީފައިވާ 50000ރ. ވެސް ދީފައިވަނީ އަންވަރެއްނޫން. އެފައިސާ ދިނީ ވެސް ކުލަބުގެ ފަރާތުން ކުލަބުގެ އޮފިޝަލުން،" އަންވަރު ބުންޏެވެ.

ސައީދަށް ދޭންވާ ފައިސާ ނުދެވުނީ ދެ ސަބަބަކާ ހެދި ކަމަށް އަންވަރު ބުންޏެވެ. ފުރަތަމަ ކަމަކީ ޕްރެޒިޑެންޓް ކަޕަށް ފަހު އައްޑޫން ނިއުރޭޑިއަންޓް އެނބުރި މާލެ އައިއިރު ކުލަބަށް އެފްއޭއެމުން ފައިސާ ލިބިފައި ނުވުމެވެ.

"ދެން ވީ ގޮތަކީ ފައިސާ ލިބުނީ މާލަހުން. އެހެންވީމާ ކުލަބުގެ ބައެއް ކަންކަމަށް އެ ފައިސާ ހަރަދު ކުރަން ވެސް ޖެހުނީ. ކުޅުންތެރިންގެ ކަންތައްތަކާ އެހެން ކަންކަން ވެސް ހުރި. އެއިރު ވެސް އަޅުގަނޑުވެސް ބުނިން ކުލަބުގައި ވެސް ސައީދު ވަރަށް ރަނގަޅަށް ކަންކަން ކޮށްދިނީމަ އޭނާ އަށް އަޅުގަނޑުމެންގެ ފަރާތުން ކަންތައްތައް މިކޮށްދެވެނީ ރަނގަޅަކަށްނޫނޭ. އެކަމަކު ކުލަބުގެ ހާލަތު ވެސް ރަނގަޅުނުވީމަ މިހެންވާން މިޖެހުނީ،" އަންވަރު ބުންޏެވެ.

އައްޑޫގައި ނިއުރޭޑިއަންޓްގެ އެކޮމޮޑޭޝަން ކަންތައްތައް ސައީދުކޮށްދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ވެސް އަންވަރު ފާހަގަކުރި އެވެ.

"މިހެން މި ބުނަނީ އެޑްވާންސެއް ވެސް ނުނަގާ ނުވެސް ބައިތިއްބާނެތާ!. އެކަމަކު ސައީދު އެޑްވާންސެއްވެސް ނުނަގާ. ވަރަށް ރަނގަޅަށް ކަންކަންކޮށްދިނީ. ދެން ސައީދު ގުޅީމަ ބައެއް ފަހަރު ފޯނު ނުނެގިފައި ވެސް ހުންނާނެ. އެއީ ރާއްޖޭން ބޭރުގައި ހުންނައިރު ކާކުކަން ނޭނގުމުގެ ސަބަބުންނާވެސްއެކު،" އަންވަރު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މާޒިޔާ އަތުން ބަލިވި ނިއު އައްޑޫ އަށް ދިޔައީ މުބާރާތުގެ ފުރަތަމަ ބުރު ކުޅުދުއްފުށީގައި ކުޅުމަށްފަހު ފަހު ސެމީ ފައިނަލަށެވެ. ނިއުރޭޑިއަންޓް ތިބީ އައްޑޫގައި ވިކްޓަރީ ސްޕޯޓްސް ކުލަބު ތިބި ގޭގަ އެވެ.

ސައީދު ބުނީ އޭނާ އަންވަރު ގޮވައިގެން ކޯޓަށް ދާން ނިންމީ ނިއުގެ ފަރާތުން މުއާމަލާތް ކުރީ އަންވަރު ކަމަށްވުމުން ކަމަށެވެ. އަދި މިހާތަނަށް އެކި ފަހަރު މަތިން މަސައްކަތްކޮށްގެން ވެސް ފައިސާ ލިބޭނެ ގޮތެއް ވެފައިނުވާ ކަމަށެވެ.

"ނިއުރޭޑިއަންޓްގެ ކުރިން އަޅުގަޑު ވިކްޓްރީގެ ކުޅުންތެރިންގެ އެކަމޮޑޭޝަން އާއި، ކެއުން ހަމަޖައްސާދިނިން. އެޓީމް ފުރައިގެން ދިޔައީ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށް ވަރަށް ބަރާބަރަށް. އޭގެ ފަހުން ނިއުރޭޑިއަންޓްގެ އަންވަރު އަލީ އަޅުގަނޑަށް ގުޅައިގެން އެގޭގައި ޓީމްގެ ކުޅުންތެރިން ބައި ތިއްބަން އެދުނީ. އެމީހުން އެދުނު ގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނިން." އައްޑޫ ލައިވް އަށް ސައީދު ދީފައިވާ އިންޓަވިއުގައި ބުނެފައިވެ އެވެ.