ހޯރަފުށީ އެއާޕޯޓް

ފުލީ ސެޓިފައިކުރި ފުރަތަމަ ސަރަހައްދީ އެއާޕޯޓަކަށް ހޯރަފުށި އެއާޕޯޓް

Nov 20, 2021
6

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ހިންގާ ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން ފުލީ ސެޓިފައި ކުރި ފުރަތަމަ އެއާޕޯޓަކަށް ހއ. ހޯރަފުށި އެއާޕޯޓް ހަމަޖެހިއްޖެ އެވެ.

ސަރަހައްދީ އެއާޕޯޓްތައް ފުލީ ސެޓިފައި ކުރުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓްސް އިން ފެށީ މި އަހަރު އެވެ. މިހާރު ވެސް އެ އެއާޕޯޓްތަކަކީ ވަގުތީ ސެޓިފައި ހުއްދައެއް އޮތް ތަންތަނެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕޭނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އަވަސް އަށް ވިދާޅުވީ ސަރަހައްދީ އެއާޕޯޓުތަކަކީ ވެސް ވަކި ސްޓޭންޑަޑަކަށް ފެތޭ ތަންތަނަށް ވާންޖެހޭތީވެ އެއާޕޯޓްތަކުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ސެޓިފައި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރިއަށްދާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް ހިންގާ ސަރަހައްދީ ހަތް އެއާޕޯޓުގެ ތެރެއިން މިވަގުތު ސެޓިފައި ކުރުމުގެ މަސައްކަތް ކުރަމުންދަނީ ފުވައްމުލަކު އެއާޕޯޓެވެ.

"އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ކުންފުނީގެ ހުރިހާ އެއާޕޯޓެއް ސްޓޭންޑަޑައިޒްކޮށް، ސެޓިފައިކުރުން،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްތައް ފުލީ ސެޓިފައި ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުންނައިރު އެކަންކަމަށް ބޮޑެތި ހަރަދުތަކެއް ވެސް ހިނގާ ކަމަށެވެ. ބޭނުންވާ ބަޖެޓު ނެތުމަކީ ގޮންޖެހުމެއް ކަމަށް ފާހަގަކުރެއްވި އެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ ހޯރަފުށްޓާއި، ކުޅުދުއްފުށްޓާއި ފުނަދޫގެ އިތުރުން މާވަރުލު އެެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމަށްޓަކައި އެ ތަންތަނުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. ބަޖެޓް ލިބޭ މިންވަރަކުން އަމާޒަކީ އެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭގައި ނިންމުން ކަމަށް ވިދާޅުވި އެވެ.