ސްކޫލު ޗުއްޓީ އާއި ބޮޑު އީދު ބަންދާއި ދިމާކޮށް ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ ޗުއްޓީއާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ބާރު ބޮޑުވާތީ މޯލްޑިވިއަން އިން އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވިއަން އިން ދަތުރުކުރާ ބައެއް ޑޮމެސްޓިކް އެއާޕޯޓްތަކަށް އިތުރު ފްލައިޓްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް މުޝްއިލް ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ވަނީ ހއ. ހޯރަފުއްޓާއި ހދ. ހަނިމަދޫ އާއި ށ. ފުނަދޫ އަދި ތިމަރަފުއްޓަށް ފްލައިޓް އިތުރުކުރަން ނިންމާފަ އެވެ. މީގެ އިތުރުން ނ. މާފަރަށް އޭޓީއާރް މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓްތައް ބޭއްވުމަށް ނިންމާފަ އެވެ.
ހއ. ހޯރަފުށި އެއާޕޯޓަށް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ ބުރާސްފަތި ދުވަހަކު ފްލައިޓެއް އިތުރުކުރަން ނިންމާފައިވާއިރު ހދ. ހަނިމާދޫ އެއާޕޯޓަށް މިމަހުގެ 23، 25، އަދި 27 ވަނަ ދުވަހު ފްލައިޓެއް އިތުރުކުރާނެ އެވެ. މީގެ އިތުރުން 23 އަދި 27 ވަނަ ދުވަހު ތިމަރަފުއްޓަށް ފްލައިޓެއް އިތުރުކުރަން ވަނީ ނިންމާފަ އެވެ.
ފުނަދޫއަށް މިމަހުގެ 22 ވަނަ ދުވަހުން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ އަންގާރަ ދުވަހަކު ފްލައިޓެއް އިތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.
މުޝްއިލް ވިދާޅުވި ގޮތުގައި މިމަހުގެ 22 އިން ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް ނ. މާފަރު އެއާޕޯޓަށް ދަތުރުކުރާނީ އެ އެއާލައިންގެ އޭޓީއާރް މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މިވަގުތު އޭޓީއާރް-72 މަރުކާގެ 70 ފަސިންޖަރުންގެ ދެ ފްލައިޓާއި އޭޓީއާރް-42 މަރުކާގެ 46 ފަސިންޖަރުންގެ ފްލައިޓެއް އޮވެއެވެ. މީގެ އިތުރުން ޑޭޝް8-300 މަރުކާުގެ 50 ފަސިންޖަރުންގެ އަށް ފްލައިޓާއި ޑޭޝް8-200 މަރުކާގެ 37 ފަސިންޖަރުންގެ ދެ ފްލައިޓް އޮވެއެވެ.
މޯލްޑިވިއަންގެ ފްލީޓްގައި 11 ސީޕްލޭނާއި އެއް އެއާބަސް ފްލައިޓް އޮވެއެވެ.