ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލުމަށް ނިންމައިފި

Feb 1, 2023

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާތީ ހަނިމާދޫއާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާތީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.

ރޭގަނޑު ކުރަމުންދާ މިދަތުރުތައް މެދުކަނޑާލުމަށް ނިންމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އިން ހެނދުނު 8:00 އަށް އެއާޕޯޓް ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދާތީ އެވެ.

ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލުމަށް ނިންމާފައިވާތީ އައިލެންޑް އޭވިއޭޝަނުން އެދިފައިވަނީ އަންނަ މަހު އެކެއްގެ ފަހުން ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ މީހުން މޯލްޑިވިއަން އަށް ގުޅައިގެން ދަތުރުގެ އިންތިޒާމު އަލުން ހަމަޖެއްސުމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ ނިމިގެން ދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ހަނިމާދޫގައި އޮތް 1.8 ކިލޯ މީޓާރުގެ ރަންވޭ ބޮޑު ކުރާނެ އެވެ. އެގޮތުން އަލަށް ތަރައްގީކުރާ ރަންވޭގައި 2.24 ކިލޯ މީޓަރު ހުންނާނެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލްއެއް އެޅުމަށްވެސް ނިންމާފައިވެ އެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ހުންނާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.