މޯލްޑިވިއަން

ރޯވި ބޯޓާއި ތިބި މީހުން މާލެ ގެނެސްފި

އަލިފާން ރޯވެގެން ފުރުން ކެންސަލް ކުރި މޯލްޑިވިއަންގެ ބޯޓާއި އޭގައި ތިބި މީހުން މާލެ ގެނެސްފި އެވެ.

ރޭ އިރާކޮޅު ހިނގި ހާދިސާއެއްގައި އަލިފާން ރޯވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ބޯޓެއްގަ އެވެ. އަލިފާން ރޯވެފައި ހުއްޓާ ފެނުނީ ބޯޓުގެ ކެޕްޓަނުން ތިބޭ ކޮކްޕިޓްގަ އެވެ. އެ އަލިފާންގަނޑު ޕައިލެޓުންނަށް ފެނުމާއެކު ވަނީ އަލިފާން ނިއްވާލައިފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މިހާދު މިއަދު ވިދާޅުވީ އަލިފާނުގެ އެ ހާދިސާއަށް ފަހު ހަނިމާދޫން ނުފުރިފައި ތިބި މީހުން ބަލާ ރޭ މޯލްޑިވިއަންގެ ފްލައިޓެއް ދިޔަ ކަމަށާއި އޭގައި ޓެކްނީޝަނުން ވެސް ދިޔަ ކަމަށެވެ.

އަދި ފަހުން ދިޔަ ފްލައިޓުން މީހުން މާލެ ގެނެސް އަލިފާން ހިފި ބޯޓު މަރާމާތުކޮށް އެ ބޯޓު ވެސް މިއަދު ހެނދުނު މާލެ ގެެނެސްފައިވާ ކަމަށެވެ.

ބޯޓުގައި އަލިފާން ހިފަން މެދުވެރިވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. މިހާދު ވިދާޅުވީ އެކަން މިހާރު ބަލަމުންދާ ކަމަށާއި އަދި ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މިހާދު ވިދާޅުވީ އަލިފާން ރޯވެގެން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް ބޯޓުގެ ވިންޑް ޝީލްޑް ބަދަލުކޮށް ކުދި ކުދި މަރާމާތުކޮށްފައިވާ ކަމަށެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގުމާއެކު ފަޔަ އެންޑް ރެސްކިއު ޓީމު ވަނީ ބޯޓަށް ވަނީ އަރައި މީހުން ބާލައިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެެއެވެ.