ހއ. ހޯރަފުށި އެއާޕޯޓުގެ އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ހޯރަފުށި އެއާޕޯޓު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މައްސަލަ ދިމާވެގެން އުޅޭކަން އެނގުމުން ޓެކްނިކަލް ޓީމެއް ވަގުތުން ހޯރަފުއްޓަށް ފުރާފައިވާ ކަމަށެވެ. ނަމަވެސް އެޓީމަށް އަދި އެރަށަށް ނުދެވޭ ކަމަށް ރިޒްވީ ވިދާޅުވި އެވެ.
މިއަދު ހެނދުނު ހޯރަފުއްޓަށް ކުރަން ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓް ހަނިމާދޫއަށް ޑައިވާޓް ކޮށްފައިވާ ކަމަށާއި ޝެޑިއުލް ކޮށްފައިވާ އެހެން ފްލައިޓްތައް މިވަގުތު މަޑު ޖައްސާލާފައިވާ ކަމަށްވެސް ރިޒްވީ ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފެށުން ކަމަށެވެ.
މޯލްޑިވިއަންގެ އިތުރުން ހޯރަފުއްޓަށް މަންތާ އެއާއިންވެސް ދަތުރުކުރެ އެވެ. ހޯރަފުށި އެއާޕޯޓްގެ އަލިފާން ނިއްވާ އުޅަނދަށް މައްސަލަ ދިމާވިކަން މަންތާ އެއާ އަށް އަންގާފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.