ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމަނީ

ހަނިމާދޫ އެއާޕޯޓްގެ ފިނިޝިން މަސައްކަތް ނިންމުމަށް ތައްޔާރުވަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުބީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތައް ކުރިއަށްދާ ކަމަށާއި އާ ރަންވޭގެ ކޮންކުރީޓްގެ ހުރިހާ މަސައްކަތެއް ނިމި މިހާރު ފިނިޝިންގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އުތުރުގެ މައި އެއާޕޯޓަކަށް ވާނީ ހަނިމާދޫ އެއާޕޯޓް ކަމަށާއި އަދި އެ އެއާޕޯޓުގެ ބައިނަލްއަގްވާމީ ދަތުރުތައް ފެށުމުން އިންޑިއާ އާއި ލަންކާއަށް ކުރާ ދަތުރުތަކުގެ އަގު އެ ސަރަހައްދުގައި ހެޔޮވެގެންދާނެ ކަމަށްވެސް މުބީން ވިދާޅުވި އެވެ.

"އޭރުން އެއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ހަމަގައިމުވެސް ވެގެންދާނެ،" މުބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތަކަށްވެސް ވަރށް ބޮޑެތި ލުއިތައް ލިބި ހިދުމަތް ދޭން ފަސޭހަތަކެއް ވާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖެނުއަރީ 18، 203 ގައެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ހަނިމާދޫގައި އޮތް 1.8 ކިލޯމީޓާރުގެ ރަންވޭ ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން އަލަށް ހަދާފައިވާ ރަންވޭގައި 2.24 ކިލޯމީޓަރު ހުރެ އެވެ. އަދި އާ ޓާމިނަލް އަޅަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގައެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ހުންނާނެ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.