ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މަސައްކަތް ފަށާފައިވާ ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ ބައެއް ނިންމުމަށްފަހު އަންނަ މަހު އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ ހަބަރުތައް ގެންނަ އޭވިއޭޓާ މޯލްޑިވްސް އިން ބުނީ ހަނިމާދޫ އެއާޕޯޓްގެ އާ ރަންވޭގެ ބައެއް، ހިދުމަތަށް ގެނައުމަށް އެ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ތައްޔާރުވަމުންދާ ކަމަށެވެ.
އާރްސީއެލްގެ އާ މެނޭޖުމަންޓުގެ ފަރާތުން ހަނިމާދޫ އެއާޕޯޓާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރާއިރު އަންނަ މަހު އޮޕަރޭޝަންގައި ބޭނުންކުރަން ފަށަނީ ރަންވޭގެ ދެކުނު ފަޅިން ތަރައްގީކުރާ 1.4 ކިލޯމީޓަރުގެ ރަންވޭ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ކުރިން ނިންމާފައި އޮތީ ރަންވޭގެ 1.4 ކިލޯމީޓަރުގެ ސަރަހައްދުގެ މަސައްކަތް ނިންމާ ރަންވޭގެ އެ ބައި ބޭނުންކުރަން ފެށުމާ އެކު މިހާރު ބޭނުންކުރަމުންދާ މުސްކުޅި ރަންވޭ ބަންދުކުރުމަށެވެ.
ހަނިމާދޫ އެއާޕޯޓްގައި އަލަށް ހަދާ ރަންވޭގެ ތެރެއަށް މިހާރު ބޭނުންކުރާ މުސްކުޅި ރަންވޭގެ 600 މީޓަރުގެ ސަރަހައްދެއް ވަދެ އެވެ. އެހެންވެ އާ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އާ ރަންވޭގެ ބައެއް ހަދައި ހުޅުވާލުމަށްފަހު މިހާރު ބޭނުންކުރާ ރަންވޭ ބަންދުކޮށްގެން ކަމަށް އާރްސީއެލް އިން ކުރިންވެސް ބުނެފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އާ ރަންވޭއެއް ހެދުމުގެ އިތުރުން އާ ޓާމިނަލް އަޅާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ވެސް ހުންނާނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފައްޓަވައިދެއްވީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.