ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އަލަށް ހަދާ ރަންވޭގައި ތާރުއެޅުމަށް ތައްޔާރުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އާ ރަންވޭގައި ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔާ އެޅުމުގެ މަސައްކަތްތައް މިހާރު ކުރިިއަށްދާ ކަމަށެވެ. ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އޮގަސްޓް ނިމުމުގެ ކުރިން ނިންމާލުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރަންވޭގެ މަސައްކަތާ އެކު އާ ޓާމިނަލްގެ މަސައްކަތާއި، ފަޔާ ބިލްޑިންގެ މަސައްކަތާއި އެއާޕޯޓަށް ބޭނުންވާ ވަސީލަތްތައް ހޯދައި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
"ހަނިމާދޫ އެއާޕްޓް މަސައްކަތް އިންތިޒާމު ކޮށްފައިވާ ގޮތަށް އަދި ތާވަލާ އެއްގޮތަށް ކުރިއަށް އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފައްޓަވައިދެއްވީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ހަނިމާދޫގައި އޮތް 1.8 ކިލޯ މީޓާރުގެ ރަންވޭ ބޮޑު ކުރާނެ އެވެ. އެގޮތުން އަލަށް ތަރައްގީކުރާ ރަންވޭގައި 2.24 ކިލޯ މީޓަރު ހުންނާނެ އެވެ. އަދި އާ ޓާމިނަލް އަޅާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ހުންނާނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.