މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުޑަކުދިންގެ އަނިޔާގެ މައްސަލަތައް މަދެއް ނުވޭ

ކުޑަކުދިންނަށް އަނިޔާކުރި 127 މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހު ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު 287 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 29 މައްސަލަގެ އިތުރުން، ޖިންސީ ގޯނާގެ 25 މައްސަލައެއް ރިޕޯޓް ކޮށްފައި ވެއެވެ.

ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ އަށް މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ބުލީކޮށް ފުރައްސާރައިގެ ޝިކާރަ އަކަށްވުމުގެ ތިން މައްސަލައެއް ރިޕޯޓް ކޮށްފައި ވެއެވެ. ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލައިގެ އިތުރުން މަންމަ ކުއްޖަކު ދޫކޮށްލާފައި ދިޔަ މައްސަލައެއް ވެސް ހިމެނެ އެވެ.