ކްރިމިނަލް ކޯޓް

ހަތިމަށް ކުޅުޖެހި މީހާގެ ބަންދު އިތުރުކޮށްފި

އިބްރާހިމީ މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖެހި ހަސަން ޒިޔާދުގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

އުމުރުން 40 އަހަރުގެ ޒިޔާދަކީ ތަކުރާރުކޮށް މިސްކިތަށް ކުޑަކަމު ގޮސްގެން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެކެވެ.

އޭގެ ފަހުން އިބްރާހިމީ މިސްކިތަށް އަރާ ހަތިމަށް ކުޅުޖެހުމުން ޒިޔާދު ފުލުހުންނާއި ހަވާލުކުރީ މިސްކިތުގައި ތިބި މީހުންނެވެ. އޭނާގެ ބަންދު މުރާޖައާ ކުރުމަށް ފުރަތަމަ ކޯޓަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ހަތިމަށް ކުޅު ޖެހިކަމަށް އިއުތިރާފުވެފަ އެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދުގެ މުއްދަތު މިމަހުގެ އަށްވަނަ ދުވަހު އިތުރުކޮށްފައި ވަނީ 10 ދުވަހަށެވެ.

އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރު ފަސް ދުވަސް ޖަހައިފަ އެވެ. ގާޒީ ވަނީ، އޭނާ އަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށާއި އަދި ކުށުގެ ރެކޯޑު އޮތް މީހަކަށް ވާތީ ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފަ އެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޒިޔާދަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ބެލި ބެލުމުން އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށެވެ.