ހދ. ނެއްލައިދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެ ހޯދައިދިނުމަށް ނައިބު ރައީސް ފައިސަލް ނަމީސްގެ އަރިހުން އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.
މިއަދު ނައިބު ރައީސް ވަނީ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުން އޮތީ ނެއްލައިދޫ ސްކޫލްގަ އެވެ.
ބައްދަލުވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ އެ ރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދިފަ އެވެ. އަދި ރަށުގެ އިގްތިސާދީ އިޖްތިމާއީ ކުރިއެރުމަށް މުހިންމުކަންކަން ނައިބް ރައީސާއި ހިއްސާ ކުރި އެވެ.
ނެއްލައިދޫ ސްކޫލާއި ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަކޮށްފަ އެވެ. އަދި ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް އިތުރު އިންސާނީ ވަސީލަތްބޭނުންވާކަމާއި ހިދުމަތުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކޮށްފަ އެވެ.
ނައިބު ރައީސް ވިދާޅުވީ އެ ސަރަޙައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ބޮޑެތި ބައެެއް މަޝްރޫއުތަކު ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން ކުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ އެ ސަރަހައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅި ސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި ވިދާޅުވި އެވެ.
"ތަރައްގީއާ ރަށަށް ހެޔޮގޮތްތައް ހޯދުމަށް ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް ހުރިހާ ބޭފުޅުންގެ ކިބައިން އެދެން." ނައިބް ރައީސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ނައިބް ރައީސް ވަނީ ނެއްލައިދޫ ސްކޫލަށް ޒިޔާރަތްކޮށްލައްވައި ސްކޫލުގައި އަލަށް އިމާރާތްކުރަމުންގެންދާ ދެ ކްލާސްރޫމާއި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ނެއްލައިދޫ ސިއްހީމަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހަލަތުވެސް ބައްލަވާލައްވާފައެވެ.