ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ ލ. ގަމު ކައުންސިލާއި ބައްދަލު ކުރައްވާ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްގީގެ ވިސްނުން އޮޅުންފިލުއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއާޕޯޓް އިންޓަރނޭޝަނަލް ކުރުން ފަދަ މަަސައްކަތްތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްގީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއް ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަސައްކަތްތަކެއް ބަޖެޓްކޮށްފައިވާ އިރު މި މަސައްކަތްތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަތެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުއް ރަށުގައި ހިންގަން ކަމަށާއި މަގުހެދުމުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމާއި ރަށުގެ ސިއްހީ ހިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީ ކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކަންސިލަރުންނާ ހިއްސާކުރައްވައި އަންނަ އަހަރު ކެންސަރު ހޮސްޕިޓަލާއި ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްގީގެ މަސައްކަތްތައް ހިންގޭނެ ކަމަށް ވިދާޅުވިއެވެ.