ރަޝިއާއިން ގޭސް ސަޕްލައި ކުރަން ޖަރުމަނަށް އަޅާފައި އޮތް ނޯޑް ސްޓްރީމް 2" ޕައިޕްލައިނަށް ފިނި މޫސުން ލައިގަންނަން ވާއިރަށް ހުއްދަ ނުދީފި ނަމަ ޖަރުމަނު ގަނޑުވާނެ ކަމަށް، ޖަރުމަނުގެ ހަކަތައާ ބެހޭ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ބްރެޒިލްގެ ނޫސްވެރިއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާގެ ނަން ހާމަ ނުކުރާ ގޮތަށް އޮފިޝަލް ވިދާޅުވެފައި ވަނީ އިދާރާތަކުން ނޯޑް ސްޓްރީމް 2 އަށް ސެޓްފިކެޓް ދިނުން ލަސް ކުރުމަކީ ސިޔާސީ ކަމެއް ކަމަށާއި އެކަމުގައި އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.
ޖަރުމަނުގެ ހަކަތައާ ބެހޭ އިދާރާގެ ނިންމުމާ ގުޅިގެން ގޭހުގެ އަގު ވަނީ ފުންމައި މައްޗަށް އަރާފަ އެވެ. އޮފިޝަލުން ބުނާ ގޮތުން ފިނި މޫސުމާ ދިމާކޮށް ގޭހުގެ އަގު އެވްރެޖް މީހުންނަށް ތައްކަތެއް ނުކުރެވޭނެ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުން ޖަރުމަނުގެ އާ ސަރުކާރުގެ ބަހެއް ނެތި ނޯޑް ސްޓްރީމް 2 އަށް ހުއްދަދޭން ބޭނުން ނުވަނީ އެވެ. އެެހެން ނަމަވެސް އާ ސަރުކާރެއް ގާއިމު ކުރެވޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.
ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްއަށް ވެރިކަމުން ދުރުވެން ވެސް އޮތީ ކޯލިޝަން ސަރުކާރެއް އުފެއްދުމުންނެވެ. ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރެވެމުންދިޔަ ނަމަވެސް ވެރިކަން ކުރާނެ ގޮތަކާ މެދު އެއްގަލަކަށް އެރޭނެ ދުވަހެއް ވެސް އަދި ނޭގެ އެވެ.
މަޝްރަހު ދިރާސާ ކުރާ މީހުން ދެކޭ ގޮތުގައި ޖަރުމަނަށް މިއީ ޕްރެޝަރު ބޮޑު ދުވަސްތަކެކެވެ. އެއްކޮޅުން އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރެއްވި ޗާންސެލަރު ވެރިކަން ދޫކޮށް ވަޑައިގަންނަވާއިރު އަނެއްކޮޅުން އާ ސަރުކާރުން ވެރިކަމާ ހަވާުލުވެ މިސްރާބު ޖަހާ ގޮތަކުން ސަރަހައްދަށް އަރާފާނެ ލޮޅުމަކާ މެދު ވެސް ކަންބޮޑުވުން އޮތް ކަމަށް ސިޔާސަތު ދިރާސާކުރާ މީހުން ދެކެ އެވެ.