ދުނިޔެ

ޖަރުމަނުގެ ނިއުކްލިއާ ޕްލާންޓަކުން ލީކުވަނީ

ޖަރުމަނުގައި ނިއުކްލިއާ ޕަވާ ޕްލާންޓަކުން ލީކުވާތީ އާންމުން ސަމާލުވުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެދިއްޖެ އެވެ.

ނިއުކްލިއާ ޕްވާ ޕްލާންޓްގެ ހާލަތު މިހާރު ހުރި ގޮތުން އާންމުންނަށް ނުރައްކަލެއް ނެތް ނަމަވެސް ނިއުކްލިއާ ޕަވާ ޕްލާންޓް ނިއްވާލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރަޝިއާގެ ތެލާއި ގޭސް ޖަރުމަނަށް އެތެރެކުރުން އެ ގައުމުން އަމިއްލައަށް މަނާވެގެންފައި ވާއިރު އަންނަ ފިނި މޫސުމުގައި އާބާދީއަށް ހޫނުކުރުމަށްޓަކައި ކުރިން ބޭނުންކޮށް އަދި ނިއްވާލާފައި ހުރި އިންޖީނުގެތައް ވެސް ވަނީ އަލުން ހިންގަން ފަށާފަ އެވެ.

ޖަރުމަނަށް ބޭނުންވާ ހަކަތަ ބޭރު ގައުމުތަކުން އެތެރެކުރުމުގެ ބަދަލުގައި އަމިއްލައަށް ހަކަތަ އުފެއްދުމަށް ނިއުކްލިއާ ޕަވާ ޕްލާންޓްތައް އިތުރުކުރުމުގެ ބޮޑެތި މަޝްރޫއުތަކެއްވެސް އެ ގައުމުން ފަށާފައިވެ އެވެ.

ޖަރުމަނަށް ހަކަތަ ލިބެން ހުރި ގޮތްތައް ހޯދަމުންދާއިރު ނިއުކްލިއާ ޕަވާ ޕްލާންޓެއް ބޭނުން ނުކުރެވޭ ވަރުވެ ހުއްޓާލަން ޖެހުމަކީ ސަރުކާރަށް ޕްރެޝަރު ބޮޑު ކަމަކަށް ވާނެ އެވެ.

ބަޔާންގައި ހުންނަ އިޒާ-2 ނިއުކްލިއާ ޕަވާ ޕްލާންޓަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން ހަފުތާއެއް ނަގާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ އެ މަސައްކަތްތަކަށްޓަކައި މުޅި ޕްލާންޓް އެއްކޮށް ނިއްވާލަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޖަރުމަނުން ކުރިން ވިސްނާފައި އޮތް ގޮތަކީ ނޯޑް ސްޓްރީމް-2 އާއެކު ނިއުކްލިއާ ޕަވާ ޕްލާންޓް ބޭނުންކުރުން މަދުކޮށް އަދި ފަހުން ހުއްޓާލުމެވެ. އެހެންނަމަވެސް، ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ރާވާފައި އޮތް ގޮތް ބަދަލުކުރަން ޖަރުމަނަށް މަޖުބޫރުވީ އެވެ.

މަރާމާތަށް ފަހު ވެސް ނިއުކްލިއާ ޕަވާ ޕްލާންޓުން ލިކުވާނަމަ އެ ޕްލާންޓް ބޭނުންކުރުމާ މެދު ވަކި ގޮތެއް ނިންމާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

ޖަރުމަނު ތެލަށް ޖެހިދާނެތީ ސަރުކާރުން ވަނީ މިންގަނޑުތަކެއް ކަނޑައަޅާފަ އެވެ. އާންމުން ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި އާންމު ތަންތަން ދިއްލާފައި ބަހައްޓާ ވަގުތު މަދުކުރުމަށް ވެސް ސަރުކާރުން ގޮވާލާފައިވެ އެވެ.